10 May 2017, 09:01
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ ކަމަށް އަރަމުންއަންނަ މޮނާކޯގެ ޒުވާން ތަރި ކީލިއާން އެމްބާޕޭ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި ޔުވެންޓަސް އަތުން 2-1 ލަނޑުން މޮނާކޯ ބަލިވި މެޗުގައި ވެސް އުމުރުން 18 އަހަރުގެ އެމްބާޕޭގެ ފަރާތުން ލަނޑެއް ފެނިގެންދިޔައެވެ. މުބާރާތުން މޮނާކޯ ކެޓީ 4-1 ލަނޑުގެ އެގްރިގޭޓުން ބަލިވެގެންނެވެ.
އެމްބާޕޭ ބުނީ، އޭނާއަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ ކަމަށާއި ޓީމަށް ވެސް ގިނަ ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށެވެ.
"އަހަރެމެން މެޗަށް ނުކުތީ އަހަރެމެންގެ ހަތިޔާރުތަކާއެކު. އަހަރެމެން ބޭނުންވީ އެމީހުންނަށް ވީހާ ވެސް އުނދަގޫ މެޗަކަށް ހަދަން. އެކަމަކު އަހަރެމެންނަށް އެންމެ ރަނގަޅަށް އެކަން ކުރެވޭގޮތެއް ނުވި. މި ބައްޔާއެކު ވެސް އަހަރެމެން ދާނީ ފަހަތަށް ނުޖެހި ކުރިއަށް ބަލައިގެން،" އޭނާ ބުންޏެވެ.
އެމްބާޕޭ ބުނީ، މެޗުގައި އޭނާ ޖެހި ލަނޑަކީ މުހިންމު ލަނޑެއް ނޫން ކަމަށާއި އެކަމަކު ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކްލަބު މުބާރާތުގައި ކުރި ދަތުރުން މާޔޫސްވާވަރުގެ މާ ގިނަ ކަންތައްތަކެއް ނެތް ކަމަށެވެ.
"އަހަރެމެން އެންމެ މޮޅު ކްލަބުތަކާ ދެކޮޅަށް ކުޅެ، ފިޔާވަޅުތަކެއް ދަސްވެގެން މިދިޔައީ. އަހަރެމެން އަންނަ އަހަރު މުބާރާތާ ކުރިމަތިލާނީ މިއަށްވުރެ ވަރުގަދައަށް ތައްޔާރުވެގެން،" އޭނާ ބުންޏެވެ.
އެމްބާޕޭ ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ނުވަ މެޗުން ޖުމްލަ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ އެމްބާޕޭ ފަދަ ޒުވާން ކުޅުންތެރިޔަކަށް ލިބޭނެ ބޮޑު ކާމިޔާބަކަށްވާއިރު، މިސީޒަނަށްފަހު އެމްބާޕޭ ހޯދުމަށް މަސައްކަތްކުރާ ކްލަބުތައް ވެސް ގިނަވާނެކަމާމެދު ޝައްކެއް ނެތެވެ.