10 May 2017, 02:48
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް ފްރާންސްގެ މޮނާކޯގެ މައްޗަށް ކުރި ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީގެ ޔުވެންޓަސްއިން ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޔުވެންޓަސްއިން މޮނާކޯގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 4-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޔުވެންޓަސްއިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ޔުވެންޓަސްގެ މާރިއޯ މަންޒޫކިޗް އާއި، ގޮންޒާލޯ ހިގުއައިން އަދި މިރަލެމް ޔަނިކްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޔުވެންޓަސްއަށް ލީޑު ހޯދައިދިނީ އެޓީމުގެ ކްރޮއޭޝިއާ ފޯވަޑް މަންޒޫކިޗެވެ. މަންޒޫކިޗްގެ ފުރަތަމަ ހަމަލާ، މޮނާކޯގެ ގޯލްކީޕަރު ޑެނިއަލް ސުބަސިޗް މަތަކުރި ނަމަވެސް، މަންޒޫކިޗް ވަނީ ރީބައުންސް ބޯޅަ ފަސޭހަކަމާއެކު މޮނާކޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޑަނީ އަލްވޭސްއެވެ. ޔުވެންޓަސްއިން ނެގި ކޯނަރެއް ކީޕަރު ސުބަސިޗް ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރި އަލްވޭސްއަށް ލިބުމުން އޭނާ ވަނީ ލަސްތަކެއް ނުކޮށް، ބާރު ހަމަލާއަކުން ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސްއިން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް، ގިނައިރުތަކެއް ނުވެ މޮނާކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެމްބާޕޭ ފޮނުވާލި އެ ހަމަލާ، ކީޕަރު ޖިއާންލުއިޖީ ބުފޮން ވަނީ މަތަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ 69 ވަނަ މިނެޓުގައި މޮނާކޯއިން ވަނީ ލަނޑެއްޖަހައި، ކުޑަ އުންމީދެއް އާކޮށްފައެވެ. ޕޯޗުގަލް މިޑްފީލްޑަރު ޖޮއާއޯ މުޓީނިއޯ ދިން ބޯޅައަކުން މޮނާކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުވެންޓަސްގެ ގޯލާ ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.
ޔުވެންޓަސްއާއެކު ފައިނަލުގައި ނުކުންނަ ޓީމެއް ކަށަވަރުވާނީ މާދަމާރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗަށްފަހުއެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ސެމީގެ ފުރަތަމަ ލެގު ކާމިޔާބުކުރީ ރެއާލްއެވެ. މެޑްރިޑްގެ ދެޓީމު ސެމީގެ ދެވަނަ ލެގު މެޗަށް ނުކުންނާނީ ރާއްޖޭގަޑިން މާދަމާރޭ 11:45ގައެވެ. އެ މެޗު ކުޅޭނީ އެތުލެޓިކޯގެ ދަނޑުގައެވެ.