09 May 2017, 23:44
ފަސް ވަނަ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިމަހުގެ 19 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައި ތައްޔާރުވާން ފަށައިފިއެވެ.
ޒުވާނުނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ޖުމުލަ ފަސް ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު މުބާރަތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މުޅިން އަލަށް ބާއްވާ ބާސްކެޓް ބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ އިންޑިއާ، ނޭޕާލް، ބަންގާޅު، ސްރީލަންކާ އަދި ދިވެހިރާއްޖެ އެވެ.
މުބާރާތުަގައި ވާދަކުރާ ފަސް ގައުމުގެ ޓީމުތައް މި މަހުގެ 13 ވަނަ ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާއިރު މުބާރަތުގެ ކަންކަން އިންތިޒާމް ކުރުމަށް ކޮމިޓީއެއް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން އިން އިސްނަގައިގެން ވަނީ އުފައްދާފަ އެވެ.
މި މުބާރާތާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންތިޒާމް ކޮމިޓީން ބުނީ މުބާރާތަށް ތައްޔާރުވުމަށް ލިބުނީ މަދުދުވަސްކޮޅެއް ނަމަވެސް ހުރި ގޮންޖެހުންތައް ހުރަސްކޮށް ހުރިހާ ކަމަމެއް ވެސް ފުރިހަމައަށް ނިންމާލުމަށް ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ މި މުބާރަތުގައި ވާދަކުރާ ދިވެހި ޓީމުތަކުގެ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި ހުރިހާ އެންމެންވެސް ގުޅިގެން މުބާރާތް ކާމިޔާބުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.