09 May 2017, 21:23
އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް މުބާރާތުގައި ވާދަކުރުމަށް އަޒަރުބައިޖާންގެ ބަކޫއަށް ފުރައިފިއެވެ.
މި މުބާރާތުގައި ވާދަކުރާ ގައުމީ އެތުލެޓިކް ޓީމްގައި ހިމެނޭ ހަތްބައިވެރިން ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިފަހަރުގެ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ ފަސް ފިރިހެން ބައިވެރިންނެވެ.
މި މަހުގެ 12އިން 22ށް ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓުންނަކީ، ހަސަން ސާއިދު އާއި އަޒްނީމް އަހްމަދާއި ހުސެއިން ފަޒީލް، ސަރީޝް އަޙްމަދު އަދި ޒައިދު ޝަރީފެވެ.
މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އަމަދު ފާއިލް އާއި ހުސައިން ހަލީމެވެ.
އެތުލެޓިކްސްގެ އިތުރުން އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ އެ މުބާރަތުގައި ދިވެހި އެތުލީޓުން ވާދަކުރާނީ ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް އަދި ޝޫޓިންގައެވެ.
އެ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ބައެއް އެތުލީޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބަކޫއަށް ގޮސްފައެވެ.
ޖުމްލަ 15 އެތުލީޓުން ހިމެނޭ މި ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު ސައީދެވެ.