ކުރީގެ ޑްރާމާ އަދި ލަވަތަކުން ހެއްވާ މަޖާ ބައިތަކެއް ކުޅެފައިވާ ދިވެހިންގެ ތެރޭގައި މަގްބޫލް ކޮމީޑިއަން މާކުން ނައީމް މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

މާކުން ނައީމް ނިޔާވީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3:30 ހާއިރު ހާޓް އެޓޭކެއް ޖެހިގެން، ކޮލަމްބޯގައެވެ. ނިޔާވިއިރު އުމުރަކީ 61 އަހަރެވެ. މާކުން ނައީމް ލަންކާގައި ދިރިއުޅޭތާ ހަތަރު ވަރަކަށް އަހަރުވެދާނެ އެވެ.

ކޮންމެ އީދަކާ ގުޅިގެން އާއްމުކޮށް ޓީވީއެމުން ގެނެސްދޭ އަދި ދިވެހިންނަށް އެ ލަވައެއްގެ މަތިން ހަނދާން ނުނެތޭނެ މަޝްހޫރު ލަވަ، "އީދޭމީ އީދޭ ދޯ" މި ލަވައަކީ މާކުން ނައީމް އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއް ލަވައެވެ.

އޭގެ އިތުރުން ވެސް ބުހާރީ ފިލްމްސްގެ ފަރާތުން ގެނެސްދޭ ދިވެހިންގެ ތެރޭގައި މަޝްހޫރު ސިލްސިލާ ޑްރާމާ "ދިރިއުޅުމަކީ މިއީބާ؟"އިން ދެހާހުގެ އަހަރުތަކުގެ ތެރޭގައި ގެނެސްދިން އެޕިސޯޑްތަކުން ވެސް މާކުން ނައީމް ވަނީ ފެނިގެން ގޮސްފައެވެ.

އެ ޑްރާމާ ސިލްސިލާއިން ފެނިގެންދާ ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) "ސަން"އަށް ބުނި ގޮތުގައި، ދިރިއުޅުމަކީ މިއީބާގެ 18 ވަރަކަށް އެޕިސޯޑް މާކުން ނައީމް ވަނީ ކުޅެފައެވެ.