10 Jul 2011, 17:05
އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ އިނގިރޭސި ތަރި ޑޭވިޑް ބެކަމްގެ ރީތި ގޯލަކުން އަނެއްކާވެސް ބެކަމްގެ ނަން ވިދުވާލައިފި އެވެ. މިލަނޑާއިއެކު އުމުރުން 36 އަހަރުގެ ބެކަމްވަނީ އޭނާގެ ނަން ފަވާލާފައެވެ.
ބެކަމް ލަނޑު ޖެހީ އެމެރިކާ ލީގުގައި އެލްއޭ ގެލެކްސީއާއި ޗިކާގޯ ބައްދަލުކުރި މެޗްގަ އެވެ. މެޗްގެ ފުރަތަމަ ހާފް 0-0 ން ނިމުނުނަމަވެސް ގެލެކްސީއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. ދެވަނަ ހާފްގެ 58 ވަނަ މިނެޓްގައި ބެކަމްގެ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެލެކްސީއަށް ލީޑް ނަގައިދިނީ އެމެރިކާ ތަރި ލެންޑަން ޑޮނަވަން އެވެ.
ޗިކާގޯގެ ކުޅުންތެރިން މަސައްކަތްކޮށް މެޗްގެ 62 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ނަޒަރިތްއެވެ. ޗިކާގޯއިން ލަނޑުޖެހިތާ ފަސް މިނެޓް ނުވަނީސް ގެލެކްސީއަށް ލިބުނު ކޯނަރަކުން އަނެއްކާވެސް ލީޑް ނަގައިދިނީ ބެކަމްއެވެ. ބެކަމް މިކޯނަރު ނެގިއިރު ބޯޅަ އެއްވެސް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެއް ނުވެ އެވެ. ބޯޅަ ސީދާ އަމާޒުވެފައިވަނީ ގޯލަށެވެ. މިމެޗް ނިމުނީ 2-1 ލަނޑުން އެލްއޭ ގެލެކްސީ ކުރީގައި އޮވެގެންނެވެ.
މަހެއްހާދުވަހު އަނިޔާގައި ހުރުމަށްފަހު ކުޅެން ނުކުތް ޑޭވިޑް ބެކަމްއަށް 90 މިނެޓް ކުޅެވޭނެކަމުގެ ޔާގިންކަން ކުރިން ނެތްކަމަށް މެޗަށްފަހު އޭނާ ހާމަކޮށްފައި ވެއެވެ.
"އަހަރެން ހިއެއް ނުކުރަން 90 މިނެޓް ކުޅެވޭނެކަމަކަށް ވެސް. އަހަރެން ހީކުރީ އެންމެ ގިނަވެގެން 25 މިނެޓްކަމަށް ކުޅެވޭނީ،" ބެކަމް ބުންޏެވެ.
އެލެއޭ ގެލެކްސީގެ ކޯޗް އެރީނާވަނީ ބެކަމްއަށް ތައުރީފްކޮށް ބެކަމް ބޮޑު އަގުގައި ގެނެސްފައިހުރީ އެ މަގްސަދުގައިކަމަށް ހާމަކޮށްފަ އެވެ.