09 May 2017, 23:13
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ވަރަށް ތަފާތު ގޮތަކަށް، މި ހިނގާ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަހަރު ބާއްވާ ޖަލްސާ އެހެން އަހަރުތަކާ ޚިލާފަށް ތަފާތު ވަނީ، މިއަހަރުގެ ޖަލްސާގައި ޓެކްނޮލޮޖީގެ ބޭނުން ވަރަށް ބޮޑުކޮށް، ޖަލްސާ ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރާތީއެވެ.
އަހަރީ އާންމު ޖަލްސާއާ ބެހޭ ޚާއްސަ ޕޭޖެއްއެސްޓީއޯގެ ވެބްސައިޓުގައި މިހާރު ވަނީ ހަދައިފައެވެ. އެ ޕޭޖުން، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައިވާ ކަންކަމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި، ޖަލްސާ ކުރިޔަށްދާނެ ގޮތާއި، ވޯޓުލުމުގެ ކަންކަން ކުރިޔަށް ދާނެ ގޮތާއި، އެހެނިހެން މައުލޫމާތު ވެސް ހިމެނޭނެއެވެ.
މެއި 30 ވާ އަންގާރަ ދުވަހުގެ ރޭ 10.00 ގައި، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.
އެ ޖަލްސާގައި އެޖެންޑާގައިވާ، ފެންނަ ނުފެންނަ ވޯޓު ނަގަންޖެހޭ ކަންކަމަށް ވޯޓު ނެގުން ކުރިޔަށްދާނީ، އެސްޓީއޯގެ މުވައްޒަފުން ޑިވެލޮޕްކޮށްފައިވާ އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމަކުންނެވެ. ޖަލްސާގައި ބައިވެރިވާ ކޮންމެ ހިއްސާދާރަކަށް ވެސް ދެ ކާޑެއް ލިބޭ އިރު، ޖަލްސާގައި ވޯޓަށް އަހާ އިރު އިލެކްޓްރޯނިކް ޑިވައިސެއްގައި ޖެހޭނީ ކާޑު ޖައްސާލާށެވެ.
މީގެ އިތުރުން އެ ޖަލްސާގައި ހިއްސާދާރުންނަށް ޚާއްސަ ވެބް ޕޯޓަލެއް ވެސް ތައާރަފުކުރާނެއެވެ.
އެސްޓީއޯގެ ބޯޑުން ނިންމާފައި ވަނީ، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބެހުމަށެވެ.