09 May 2017, 20:30
އުރީދޫ މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)އިން އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ދީފިއެވެ.
އެމްސީއައިއެފްއިން ބުނި ގޮތުގައި، އުރީދޫ މޯލްޑިވްސްގެ އެދުމުގެ މަތިން އެ ކުންފުނިން ވަނީ އުރީދޫ މޯލްޑިވްސް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި ޝަރީޢާ ކޮމްޕްލަޔަންސް ރީސާޗެއް ހަދައިފައެވެ.
އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ، އޮޑިޓުކޮށްފައިޥާ މާލީ ހިސާބުތަކާއި އެހެނިހެން މައުލޫމާތުތައް ބެލިކަމަށް އެމްސީއައިއެފުން ބުނެއެވެ.
އެގޮތުން، އުރީދޫއިން ޝަރީޢާގެ އުސޫލުތަކަށް ނުފެތޭ ވިޔަފާރިތަކުން ހޯދި އާމްދަނީ އާއި ފައިދާ އާއި، ކުންފުނީގެ ރައުސުލްމާލުގެ އޮނިގަނޑާއި އަދި ކުންފުނީގެ ލިކުއިޑް ރިސޯސްތައް މެނޭޖުކުރާ ގޮތަށް ބެލި ކަމަށް އެމްސީއައިއެފުން ބުނެއެވެ.
"އުރީދޫގެ ވިޔަފާރީގެ ހަރަކާތްތަކާއި މާލީ ހިސާބުތައް ހުރީ ތްރެސްހޯލްޑްތަކުގެ ތެރެއިން ކަމުގައިވުމުން، އުރީދޫ މޯލްޑިވްސްއަކީ ޝަރީޢާ ކޮމްޕަލަޔަންޓް ތަނެއްގެ ގޮތުގައި ވާނީ ގިންތި ކޮށްފައި،" އެމްސީއައިއެފުން ބުންޏެވެ.
އެމްސީއައިއެފުން ބުނީ އުރީދޫއަށް ޝަރީޢާ ކޮމްޕަލަޔަންސް ރޭޓިންގް ރިޕޯޓު މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެ ލިޔުމާ ހަވާލުވެލެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާނެވެ.
ދުނިޔޭގައި ޝަރީޢާ ކޮމްޕްލަޔަންޓް މުދަލާއި ޚިދުމަތްތަކަށް ޑިމާންޑު އިތުރުވަމުން އަންނަ އިރު، އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ލިބުމަކީ، އެފަދަ ޚިދުމަތްތަކަށް އެދޭ ފަރާތްތަކުގެ މާކެޓަށް އުރީދޫ ވަނުމުގެ އިތުރުން، ޝަރީޢާއާ އެއްގޮތަށް އިންވެސްޓްކުރަން އެދޭ ފަރާތްތަކަށް ވެސް ލިބޭ ފުރުސަތަކަށް ވާނެ ކަމަށް އެމްސީއައިއެފުން ބުނެއެވެ.
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، މިވަގުތު ދަނީ ރާއްޖޭގައި އެ ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކުމުގެ ކަންކަން ކުރަމުންނެވެ.