ޖަނަވާރުންނަށް ހާއްސަ ކްލިނިކެއް ނުވަތަ ވެޓެރިނަރީ ކްލިނިކެއްގެ އިތުރުން ރާއްޖެއިން ނެތިދާ ނުވަތަ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ޑެމޮންސްޓްރޭޝާން ޕްލޮޓެއް/ ހާބޭރިއަމެއް ވިލިމާލޭގައި ގާއިމުކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވިލިމާލޭގައި ވެޓްރިނަރީ ކްލިނިކެއް ގާއިމްކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އެކީގެންވާ އަދަދަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލުން އިއުލާންކުރިއެވެ.

ނަމަވެސް އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހު ކުރި އިއުލާން ބާތިލްކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ވިލިމާލޭގައި ވެޓްރިނަރީ ކްލިނިކެއްގެ އިތުރުން ހާބޭރިއަމެއް ގާއިމްކުރުމަށް ބޭނުންވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، ވެޓެރިނަރީ ކްލިނިކަކާއި ހާބޭރިއަމެއް ގާއިމްކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 އަށް ފިޝަރީޒް މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ޕްރޮފޯޒަލް ހުށަހެޅަންޖެހެއެވެ.

ދިވެހިންނަކީ ޕެޓް ގެންގުޅުމަށް ލޯބި ކުރާ ބަޔަކަށްވާ އިރު އެގޮތަށް ގެންގުޅޭ ޖަނަވާރުތަކަށް ބަލި ޖެހުން ފަދަ ކަންކަމާ ހުރެ އެ ޖަނަވާރުތައް މަރުވާ ފަހަރު ގިނަ އެވެ. މި ޚިދުމަތަކީ ދިވެހިން ވަރަށް ބޭނުންވެފައި އޮތް ޚިދުމަތެކެވެ.

ރާއްޖޭގައި ވެޓެއް (އެނިމަލް ޑޮކްޓަރެއް) ނުހުންނާތީ ފިޝަރީޒް މިނިސްޓްރީން ގެންދަނީ ވެޓެއް ހަޔާ ކޮށްގެން އެ ޚިދުމަތް ހިލޭ ދެމުންނެވެ. އޭނާގެ ޚިދުމަތް ހިލޭ ދެމުންދާއިރު، ގޭގެއަށް ގޮސްގެންވެސް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އޭނާގެ ޚިދުމަތްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.