ޝީޝާގެ "ސައިކަލް ތާސްޓް": ސައިކަލަށް ދެއްކި ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު!
ޝީޝާގެ "ސައިކަލް ތާސްޓް": ސައިކަލަށް ދެއްކި ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު!

ސައިކަލަށް ދެއްކިފައިވާ ފައިސާގެ އަދަދު އަނބުރާ ލިބޭ ޕްރޮމޯޝަނެއް، މި އަހަރުގެ ރޯދަމަހާ ދިމާކޮށް ޝީޝާއިން ފަށައިފި އެވެ.

މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް "ސައިކަލު ތަރސްޓް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ހުށަހަޅާފައި ވަނީ އެމީހަކު ސައިކަލަށް ދެއްކި އަދަދުގެ 100 ޕަސެންޓު ރިފަންޑު ކުރުމެވެ.

ޝީޝާގެ ހެޑް އޮފް މާކެޓިން ފާތިމަތު ޖުމާން "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ޕްރޮމޯޝަނުގެ ދަށުން ސައިކަލަށް ދެއްކި ފައިސާ އަނބުރާ ލިބޭނީ، މި ޕްރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގައި ޝީޝާއިން ސައިކަލް ގަންނަ ކޮންމެ ފަރާތެއްގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށެވެ.

ބޮޑު އިނާމަކަށް ފައިސާ ރިފަންޑުކޮށްދޭ އިރު ވަގުތުން ދޭ އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 4، 42 އިންޗީގެ ޓީވީ، ގިފްޓް ހެމްޕާސް، ބަދިގެ ސާމާން ފަދަ ތަކެތި ހިމެނެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ފަރާތްތަކަށް ވެސް ޕްރޮމޯޝަނުގެ ދަށުން އެކި ހަދިޔާ ދޭން ވަނީ ހަމަޖައްސައިފަ އެވެ. ޖުމާން ވިދާޅުވީ އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށް ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް އިންސްޓޯލްމެންޓް ޗާޖު ފްރީ ކޮށްދޭނެ ކަމަށެވެ.

"ޑައުން ޕޭމަންޓަށް ސައިކަލުގެ އަގުގެ 30 ޕަސެންޓަށް ވުރެ ދަށުން ދައްކާ ފަރާތްތަކަށް ތިން މަސް ވަންދެން އިންސްޓޯލްމެންޓް ފީ ދައްކަން ނުޖެހޭނެ. ތިރީސް ޕަސެންޓަށް ވުރެ މަތިން ދައްކާ ފަރާތްތަކަށް ހަ މަސްވަންދެން އިންސްޓޯލްމަންޓް ޗާޖު އޮފް ކޮށްދޭނެ،" ޖުމާން ވިދާޅުވި އެވެ.

އެއާ އެކު އެ ޕްރޮމޯޝަނުގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓް ޗާޖްއަކާއި ނުލާ ސައިކަލު ނެގޭނެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އިންސްޓޯލްމެންޓް މެދުވެރިކޮށް ފައިސާ ދައްކަވާ ފުރަތަމަ 100 ކަސްޓަމަރުންނަށް ގިފްޓް ހެމްޕާސް ލިބިގެންދާނެ އެވެ. އަދި އިންސްޓޯލްމެންޓަށް ފައިސާ ދައްކާތާ 24 ގަޑިއިރު ތެރޭގައި ސައިކަލް ލިބޭނެ އެވެ.

އެ ޕްރޮމޯޝަން ޝީޝާގެ އައްޑޫގައި އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ އައުޓްލެޓް ތަކުގައި ވެސް ކުރިއަށްދާނެ އެވެ.

ޝީޝާ އަކީ 1997 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހޮންޑާ ބްރޭންޑުގެ ސައިކަލު ވިއްކާ ސޯލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.