10 Jul 2011, 16:25
ގދ. މާވަރުލުގައި ހަދާ އެއާޕޯޓާއި ގއ. ކޫއްޑޫގައި ހަދާ އެއާ ޕޯޓްގެ އެއްބަސްވުމުގައި ދެ ކުންފުންޏަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގެ މިއަދު އޮތް ރަސްމިއްޔާތުގައި ދެ އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރް އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ ޑރ. މަރިޔަމް ޒުލްފާ އާއި މިނިސްޓަރް އޮފް ޓްރާންޕޯޓް އެންޑް ކޮމިއުނިކޭޝަން މުހައްމަދު އާދިލް ސަލީމެވެ.
މިއަދު ފުރަތަމަ ސޮއިކުރީ ގދ. މާވަރުލުގައި އެއާޕޯޓް ތަރައްގީ ކުރުމާއި އެ އެއާޕޯޓާއިއެކު ރިޒޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ގދ. ކޮޑާނަހުއްޓާ، މޫވިން އިންޓަނޭޝަނަލާ 50 އަހަރު ދުވަހަށް ހަވާލުކުރުމުގެ އެއްބަސްވުމުގަ އެވެ. އެ އެއްބަސްވުމުގައި މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރެވެ.
ދެ ވަނަ އެއްބަސް ވުމަކީ ގއ. ކޫއްޑޫގައި އެއާޕޯޓެއް އެޅުމާއި އެ އެއާޕޯޓާ އެކު ރިޒޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ގއ. ދިގުރަށް 50 އަހަރަށް ބޮނަވެންޗާ މޯލްޑިވްސްއާ ހަވާލުކުރުމުގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބޮނަވެންޗާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރް ހެންރީ އެވެ.
ދެ އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މުހައްމަދު އާދިލް ސަލީމް ވިދާޅުވީ ދެ އެއާޕޯޓް ވެސް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި ވަނީ އެ މަސައްކަތް ކުރަން ސަބްސިޑީއެއްގެ ގޮތުގައި ރިޒޯޓް ހަދާނެ ރަށަކާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ރަށު ބަންދުން ފިލުވުމަށް ހަދާ ކޮންމެ އެއާޕޯޓަކީ ކޮމާޝަލީ ވަޔަބުލް )ވިޔަފާރީގެ ގޮތުން ނަފާލިބޭ( ތަނަކަށް ވާން ނުޖެހޭ ކަމަށެވެ.
"ކޮންމެ އެއާޕޯޓަކީ ކޮންމެހެން ކޮމާޝަލީ ވަޔަބަލް އެއާޕޯޓަކަށް ވާކަށް މަޖުބޫރެއް ނޫން އަޅުގަނޑު ދެކޭ ގޮތުގައި، " އާދިލް ވިދާޅުވި އެވެ.