19:00


ކަރަންޓްގެ ބިލްގެ އަގު ބޮޑުވަމުންދާ މައްސަލައިގައި ޑީއާރްޕީން ރޭ މުޒާހަރާ ބާއްވައިފައި ވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އެކަމަށް ރުހިވަޑައިގެން ނޫން ކަމަށާއި، ޕާޓީގެ އިސް އެހެން ފަރާތްތަކުން އެކަމަށް ބާރު އެޅުމުން އެންމެ ފަހު ވަގުތު ތަސްމީނު އާނބަސް ވިދާޅުވީ، ސުނާމީ ބިނާ ސަރަހައްދުން ގުޑާނުލުމަށާއި ސްޓެލްކޯ ސަރަހައްދަށް ނުދިއުމަށާއި ފުލުހުންނާ ކުރިމަތިލުމަކަށް ނުދިއުމަށް ޝަރުތުކޮށްފައި ކަމަށް ޑީއާރްޕީގެ މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ސަން އެފް އެމަށް ކަށަވަރުކޮށްދީފި އެވެ.


ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ މީހުން ބުނީ، ފުރަތަމަ ރޭ މުޒާހަރާ ބޭއްވި ނަމަވެސް، ދެ ވަނަ ރޭ މުޒާހަރާ ބާއްވައި، ސަރުކާރަށް އެހާ ޕްރެޝަރުކުރަން ތަސްމީނު އެހާ ގަބޫލް ނޫން ކަމަށެވެ. ނަމަވެސް، ފުރަތަމަ ރޭ މުޒާހަރާ ނިންމާލީ ކަރަންޓްގެ ބިލްގެ އަގު ތިރިކުރަންދެން މުޒާހަރާ ބާއްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެފައި ކަމުން، ދެ ވަނަ ރޭ ވެސް މުޒާހަރާ ބާއްވާން ހުރިހާ ނައިބު ލީޑަރުންނާއި އެހެން ފަރާތްތަކުން ވެސް ބޭނުންވީ ކަމަށެވެ. ނަމަވެސް ޗުއްޓީގައި ރަށަކަށް ވަޑައިގެން ހުންނެވި ތަސްމީނާ އިއްޔެ ފޯނުން ނުގުޅޭ ކަމަށާއި އެސްއެމްއެސް މެދުވެރިކޮށް ކުރެވުނު މުއާމަލާތުން އެންމެ ފަހު ވަގުތު އާނބަސް ލިބުނީ މުޒާހަރާ ބާއްވާ ސުނާމީ ބިނާ ސަރަހައްދުން ގުޑާނުލުމަށާއި އަދި ހަމަ އެއްވެސް ހާލެއްގައި ސްޓެލްކޯ ސަރަހައްދަށް ނުދިއުމަށާއި، ފުލުހުންނާ ކުރިމަތިލުމަކަށް ނުދިއުމަށް ޝަރުތުކޮށްފައި ކަމަށް އެ ފަރާތްތަކުން ކަށަވަރުކޮށްދޭ. ނަމަވެސް ރޭގެ މުޒާހަރާގައި ބައިވެރިވި އިސް ގިނަ ފަރާތްތަކުން ބޭނުންވީ، ތަސްމީނު އެކަނި ރުހިވަޑައިނުގެންނެވި ނަމަވެސް، ކުރީ ރެއެކޭ އެއްފަދައިން ރޭ ވެސް ސްޓެލްކޯ ސަރަހައްދަށް ދާން ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު އެ ގޮތަށް ނެހެދީ، އެތާ އެ ވަގުތު އިސްކޮށް ތިބި އެންމެނަށް އެގޮތަށް އެއްބަސްނުވެވުމުން ކަމަށް ވެސް އެ މީހުން ބުންޏެވެ.


ރޭގެ މުޒާހަރާ ހިނގަމުންދިޔައިރު، އިރުކޮޅަކުން އެންމެން އެކުގައި ސްޓެލްކޯއާ ދިމާލަށް ދާން ހިނގައިގަންނާނެ ކަމަށް ނައިބު ލީޑަރު އިލްހާމް އަހުމަދު އިއުލާންކުރެއްވި ނަމަވެސް ނައިބު ލީޑަރު އުމަރު ނަސީރު އަރާވަޑައިގެން ފަހުން ވަނީ އެކަން ކެންސަލްކުރައްވައި، މުޒާހަރާ ނިންމާލިކަން އިއުލާން ކުރައްވައިފައެވެ. އަދި މުޒާހަރާ ނިންމާލީ ސަރުކާރުން ޑީއާރްޕީގެ ލީޑަޝިޕާ މަޝްވަރާ ކުރަމުންދާތީ، އެކަމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ރޭ ވަނީ އިއުލާންކޮށްފައެވެ.


ނަމަވެސް ރޭގެ މުޒާހަރާ ނިންމާލިކަން އިއުލާންކުރިތާ އޭގެ ކުޑަ އިރުކޮޅެއް ފަހުން، ސަން އެފްއެމް ބްރޭކިން ނިއުސްގައި ތަސްމީން ވިދާޅުވީ، ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށާއި ކަރަންޓްގެ ބިލްގެ އަގު ބޮޑުވަމުންދާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިތާބުގައި އިއްޔެ ވިދާޅުވެފައިވާތީ އެ ކަންތައް ކުރުމަށް ސަރުކާރަށް ފުރުސަތު ދެއްވަން ބޭނުންފުޅު ކަމަށެވެ.


ޑީއާރްޕީން ރޭ މުޒާހަރާ ބާއްވައިފައި ވަނީ ތަސްމީނު އެކަމަށް ރުހިވަޑައިގެން ނޫން ކަމަށާއި، އަދި ޕާޓީގެ އިސް އެހެން ފަރާތްތަކުން އެކަމަށް ބާރު އެޅުމުން އެންމެ ފަހު ވަގުތު އޭނާ އާނބަސް ވިދާޅުވީ، ސުނާމީ ބިނާ ސަރަހައްދުން ގުޑާނުލުމަށާއި ސްޓެލްކޯ ސަރަހައްދަށް ނުދިއުމަށާއި ފުލުހުންނާ ކުރިމަތިލުމަކަށް ނުދިއުމަށް ޝަރުތުކޮށްފައި ކަމަށް އެ ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ތަސްމީނު މިއަދު ވިދާޅުވި އެވެ.


ރޭގެ މުޒާހަރާ ވަކި ހިސާބަކުން ހުއްޓާލަންޖެހުނު މައްސަލައިގަ އާއި ތަސްމީނުގެ މަޑުމައިތުރު މިޒާޖުފުޅުގެ ސަބަބުން ޑީއާރްޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިޔާލުތަފާތުންވުން އުފެދިފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ.