09 May 2017, 18:06
މުޖުތަމައުގައްޔާއި އޮފީސް މާހައުލުގައި ތިމާ ހިތްހަމަނުޖެހޭ ކަންކަން ދިމާވުމުގެ ސަބަބުން ސްޓްރެސްވެ ޑިޕްރެޝަންއަށް ގޮސްދާނެ ކަމަށާއި ނަމަވެސް އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ނަފްސު ކޮންޓްރޯލް ކުރުން ކަމަށް އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ލީޑިން ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ އެވިޑް ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުން ޗެއާމަން މުސްތާގު ވިދާޅުވީ، ކިޔަވާ ކުދިންނަށް ދަސްކޮށްދޭ އެއްޗެއް އަމަލީ މައިދާނުގައި ނުދެއްކޭނަމަ، ކިޔެވި އެއްޗެއްގެ ބޭނުމެއް ނެތް ކަމަށެވެ.
އަދި ވިދާޅުވީ ކިޔަވާ ކޯހުގެ ކޮންޓެންޓްގެ ތެރޭގައި ނުހިމެނުނު ނަމަވެސް، އޮފީހާއި މުޖުތަމައުގައި ދިމާވާ ދަތިތަކާ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާން ދަސްކުރަން ޖެހޭ ކަމަށެވެ.
"މުޖުތަމައުގެ ތެރޭގައި ހިތްހަމަނުޖެހޭ ކަންކަން ދިމާވެދާނެ. އޮފީސް މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް އެކަހަލަ ކަންކަން ދިމާވެދާނެ. އެކަމުގެ ސަބަބުން އިންސާނާ ސްޓްރެސްވެ ޑިޕްރެޝަންއަށް ވެސް ހިނގައިދާނެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަކީ އެންމެ ރަނގަޅު ގޮތް،" މުސްތާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ ދަތިތަކަކަށް ކެތްތެރިވުމަށް އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައިވާ ކަމަށާއި އެފަދަ ވަގުތުތަކުގައި ޒިކުރުތައް ކިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.