09 May 2017, 13:44
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމުކޮށް، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ސްޕޮންސަރެއްގެ ގޮތުގައި ބީއެމްއެލް އިން ސޮއިކުރީ މިއަދު އެބޭންކުގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ، އަދި މޯލްޑިވްސް ގެޓްއަވޭސްގެ މެނޭޖިންގް ޑިރެކްޓަރު އަހުމީމް އަބްދުލްރައްޒާގެވެ.
ޓީޓީއެމް ފެއާގެ ތެރެއިން، ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހޮޓެލްތަކުގެ އިސްވެރިންގެ ޚާއްސަ ފޯރަމް، "ހޮޓެލިއާ ސަމިޓް މޯލްޑިވްސް 2017"ގެ ޓައިޓަލް ސްޕޮންސާ ބީއެމްއެލް އިން ވަނީ ނަގައިފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި، ޓީޓީއެމް ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ބޭނުންވާ ބައިނަލްއަގުވާމީ ގުޅުންތައް ގާއިމުވެ، ވަރުގަދަވެގެން ދާނެ އެވެ.
ޓީޓީއެމް ފެއާގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓެލްތަކާއި، 150 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުންނާއި، ބައިނަލްއަގުވާމީ މީޑިއާއިން ވެސް ބައިވެރިވާ އިރު، މި ފެއާގައި ވިޔަފާރިތަކާއި ކުންފުނިތަކުގެ 3،000 އަށް ވުރެ ގިނަ ބައްދަލުވުން ކުރިޔަށް ދާނެކަމަށް ޓީޓީއެމް އިންތިޒާމުކުރާ މޯލްޑިވްސް ގެޓްއަވޭސްއިން އަންދާޒާ ކުރެއެވެ.
ޓީޓީއެމް ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ވަޒީފާތަކާ ގުޅޭ މައުލޫމާތުދޭ ހަރަކާތެއްގެ އިތުރުން، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އިން ބާއްވާ ޕާޓާ އެކެޑަމީގެ ހަރަކާތެއް ވެސް ބާއްވާނެ އެވެ.
މީގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަންގެ ގާލާވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.