އިނގިރޭސިިވިލާތުގައި ދިރިއުޅޭ އެންމެ މުއްސަނދި، ކުޅިވަރު އެތުލީޓުންގެ ތެރޭން ދެވަނައަށް އެންމެ މުއްސަނދި ފަރާތަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗްކަމަށް "ސަންޑޭ ޓައިމްސް"ގެ "ރިޗް ލިސްޓް"ގައި ހާމަކޮށްފިއެވެ.

ސަންޑޭ ޓައިމްސް އިން ހާމަކުރި އެންމެ މުއްސަނދި 10 ސްޕޯޓްސް މަނުންގެ ލިސްޓުގެ ދެ ވަނައިގައި އިބްރަހިމޮވިޗް އޮތް އިރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ، ލުއިސްހެމިލްޓަންއެވެ.

ފޯމިއުލާ ވަން (އެފް1)ގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދުމަށް ވާދަކުރަމުން ދާ، މާސެޑީޒް ފޯމިއުލާވަން ޑްރައިވަރު، ހެމިލްޓަންގެ މިލްކިއްޔާތުގައި މިވަގުތު 131 މިލިއަން ޕައުންޑް ހުރިއިރު ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އޭނާގެ އާމްދަނީއަށް ވަނީ 25 މިލިއަން ޕައުންޑު އިތުރު ވެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ސްވެޑިޝް ފޯވާޑް ވަނީ، ޓީމްމޭޓް ވޭން ރޫނީ ފަހަތަށް ޖައްސާލައި، އިނގިރޭސި ވިލާތުގައި މިވަގުތު ހުރި އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ކުރިން ޕީއެސްޖީއަށް ކުޅުނު ފޯވާޑްގެ މިލްކިއްޔާތުގައި މިވަގުތު 110 މިލިއަން ޕައުންޑު ހުރިއިރު، އޭނާ ވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އޭސީ މިލާން، ބާސެލޯނާ، ޔުވެންޓަސް، އިންޓަމިލާނަށް ކުޅެފައެވެ. އަދި އޭނާއަށް ވަނީ، ނައިކީއާ އެކުވެސް ދިގުމުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެންމެ މުއްސަނދި ސްޕޯޓްސްމަނުންގެ ލިސްޓުގެ ގަދަ ފަހެއްގައި ހިމެނުނު ފަރާތްތަކުގެ ތެރޭގައި ފޯމިއުލާ ވަން ޑްރައިވަރު ޖެންސަން ބަޓޮންއާއި ގޮލްފް ކުޅުންތެރިޔާ ރޯރީ މެކިލްރޯއީއެވެ.

އިނގިރޭސިވިލާތުގައި އެންމެ މަޝްހޫރު ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ބެލެވޭއިރު، އެންމެ މުއްސަނދި ސްޕޯޓްސްމަނުންގެ ލިސްޓުގެ ތިން ވަނައިގައި އޮތް ރޫނީގެ މިލްކިއްޔާތުގައި 93 މިލިއަން ޕައުންޑް، ލިސްޓުގެ ހަތް ވަނައިގައި އޮތް މެންޔޫގެ ކޯޗު ހޯޒޭ މޮރީނިއޯގެ މިލްކިއްޔާތުގައި 61 މިލިއަން ޕައުންޑު އަދި އެ ލިސްޓުގެ ނުވަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާގެ މިލްކިއްޔާތުގައި 50 މިލިއަން ޕައުންޑު އެބަހުއްޓެވެ.