ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދަން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް، ސިފައިން ތިބެގެން ހިދުމަތް ދެމުން ދިޔަ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތައް މިއަދު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު ވިދާޅުވީ އެއާޕޯޓްގެ ކައުންޓަރުތައް ހަވާލު ކުރީ ސިފައިން ހޯދި ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދާފައި ކަމަށެވެ.

"އެ މައުލޫމާތުތައް މިހާރު ވަނީ ފުލުހުންނަށް ދީފައި. ފުލުހުން ތަހުގީގު ކުރާނެ. އޭގައި ކްރިމިނަލް އެއްވެސް އިލެމެންޓެއް ވާނަމަ ފިޔަވަޅު ވެސް އަޅާނެ،" ޝާހިދު ވިދާޅުވި އެވެ.

އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތަކާ ސިފައިން ހަވާލުވީ މީގެ ދެ ހަފުތާ ކުރިންނެވެ. ޝާހިދު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ސިފައިން ކައުންޓަރުތަކުން ނުކުމެ ކުރިން ވެސް ހިދުމަތް ދިން މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު އެއާޕޯޓް ކައުންޓަރުތައް ހަވާލު ކުރުމަށް ފަހު މާދަމާ މާލޭގެ އަސަރީ ކެފޭގައި ހުރި ކައުންޓަރުތަކުން ވެސް ސިފައިން ނުކުންނާނެ ކަމަށެވެ.

އިމިގްރޭޝަން ކައުންޓަރުތަކާ ސިފައިން ވަގުތީ ގޮތުން ހަވާލުވީ ރައީސް މުހަންމަދު ނަޝީދުގެ އެންގެވުމަށެވެ.