09 May 2017, 14:05
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ތަމަޅަ ފިލްމު "ތަލައިވާ 161"ގެ ލީޑު ރޯލު ކުޅެން އެންމެ ފުރަތަމަ ލިބިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން އަށެވެ. އެ ފިލްމުގައި އޭނާ އުޅެން ޖެހެނީ ތަމަޅަ ފިލްމު ތަކުން މަޝްހޫރުކަން ހޯދާފައިވާ ރަޖްނިކާންތް އާ އެކު އެވެ.
ރަޖްނިކާންތާއެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބޭތޯ ގިނަ ތަރިން މަސައްކަތް ކުރަމުން ދަނިކޮށް ވިދްޔާއަށް ފިލްމަކުން ފުރުސަތު ލިބުމުން ކުޑަދުވަސްކޮޅެއް ކުރިން ބުނެފައިވަނީ ވަގުތު ޖެހުމުން ހުރިހާ ކަމެއް އިނގޭނެ ކަމަށެވެ. ވިދްޔާގެ މޮޅު އެކްޓިން އެ ފިލްމުން ފެންނާނެ ކަމަށް އިންތިޒާރުގައި ތިއްބާ ލިބުނީ ހިތާމަވެރި ހަބަރެކެވެ. ރަޖްނިކާންތާއެކު ފިލްމު ކުޅެން ލިބުނު ފުރުސަތު ދޫކޮށް އެ ފިލްމު ނުކުޅެން ނިންމި ހަބަރެވެ.
ހަބަރުތައް ލިބޭގޮތުގައި އޭނާގެ ޝެޑިއުލް ބިޒީ ވުމުން އެ ފިލްމު ދޫކޮށްލީއެވެ. ފިލްމަށް އެކަށީގެންވާ ވަރަށް ވަގުތު ދެވެން ނެތުމުން ވިދްޔާ އެ ފިލްމު ނުކުޅެން ނިންމީއެވެ.
ވިދްޔާ މިހާރު ވެސް އަންނަނީ "ތުމްހާރީ ސުލޫ" ކިޔާ ފިލްމެއްގެ މަންޒަރުތައް ނަގަމުން ނެވެ. ސުރޭޝް ތްރިވެނީ ޑައިރެކްޓް ކުރާ އެ ފިލްމަކީ ކޮމެޑީ ޑްރާމާ ފިލްމެކެވެ.
" ތަލައިވާ 161"، ވިދްޔާ ދޫކޮށްލުމުން މިހާރު ދަނީ އެ ފިލްމަށް ބަތަލާ އެއް ހޯދަމުންނެވެ.
ވިދްޔާ މީގެ ކުރިން ތަމަޅަ ފިލްމެއް ކުޅެފައެއް ނުވެއެވެ. އަދި މަލަޔާލަމް ފިލްމެއްގައި މަސައްކަތް ކުރަން ލިބުމުން ވެސް ވިދްޔާ ވަނީ ލިބުނު އިންޒާރުތަކެއްގެ ސަބަބުން އެ ފިލްމު ވެސް ދޫކޮށްލާފައެވެ.
ވިދްޔާ ދާދި ފަހުން ފެނިފައިވަނީ "ބޭގަމް ޛާން" އިން ނެވެ. އެ ފިލްމުގައި އޭނާ ވަނީ މޮޅު އެކްޓެއް ދައްކާފައެވެ.