ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ މާބޮޑަށް ސިފަ އެއްގޮތް ވުމުން އީރާނުގެ ޒުވާނަކު ފުލުހަށް ހާޒިރުކޮށްފިއެވެ.

ރެޒާ ޕަރަސްތޭޝް ނަމަކަށް ކިޔާ އެ ޒުވާނާ އަކީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި މެސީ ކަމަށް ހީކޮށް، އީރާންގެ ހަމަދާން ސިޓީގެ ގިނަ ބަޔަކުވަނީ އޭނާއާއެކު ފޮޓޯނެގުމަށް މަސައްކަތްކޮށްފައެވެ. ގިނަ ބަޔަކު މަގުމައްޗަށް އެއްވެ، ތޮއްޖެހެމުން ދިއުމާއެކު ފުލުހުން ވަނީ، "އީރާން މެސީ"އާ އެކު އޭނާގެ ކާރުވެސް ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރެޒާ ޕަރަސްތޭޝް، މެސީއާ ވައްތަރުކަން ފުރަތަމަ އާންމުވެގެން ދިޔައީ މީގެ މަހެއްހާ ދުވަސްކުރީން، އޭނާގެ ބައްޕަ، ބާސާގެ 10 ނަންބަރު ޖާޒީގައި ޕަރަސްތޭޝްގެ ޕޮޓޯއެއް ނަގައި، ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ.

އީރާން މެސީއާއެކު އެގައުމުގެ ގިނަ ބަޔަކު ދަނީ ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި އެ ފޮޓޯތަށް ދައުރުކުރަމުން -- ފޮޓޯ: ގެޓީ

އެއާއެކު، އުމުރުން 25 އަހަރުގެ ޕަރަސްތޭޝް ވަނީ، އޭނާގެ ބޮލާއި ތުނބުޅިވެސް މެސީގެ ހުންނަގޮތަށް ކޮށާލައި އެގޮތަށް ކުލަވެސް ޖައްސާލައިފައެވެ.

"މިހާރު އެންމެންވެސް އަހަރެންނަށް ކިޔަނީ އީރާނިއަން މެސީ. އަދި އެންމެންވެސް ބޭނުންވޭ އަހަރެން މެސީ ކުރާ ކަންކަން ކޮޕީކުރަން. އަހަރެން އާންމުންގެ ތެރެއަށް ވަނުމުން އެންމެނަށް ވެސް ދިޔައީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން،" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ރެޒާ ޕަރަސްތޭޝް ބުންޏެވެ.

"އަހަރެން ވަރަށް އުފާވޭ، އަހަރެންގެ ފަރާތުން އެހެން މީހުނަށް މިފަދަ އުފާވެރިކަމެއް އިހްސާސް ކުރެވޭތީ. އަދި މީގެ ސަބަބުން އަހަންނަށް އިތުރު ހިތްވަރެއް ލިބިގެންދޭ."

ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ރެޒާ ޕަރަސްތޭޝްއަށް ވަނީ، މީޑިއާގެ ސަމާލުކަންވެސް ވަރަށް ބޮޑަށް ލިބިފައެވެ. އަދި އޭނާ ވަނީ މޮޑެލްކުރުމަށް ވެސް ހާއްސަ ކޮންޓްރެކްޓް ތަކެއް ލިބިފައެވެ.

އީރާން މެސީ ބުނީ، މިހާރު އޭނާ ދަނީ ފުޓްބޯޅައިގެ ބައެއް ހުނަރުތައް ވެސް ދަސްކުރަމުން ކަމަށެވެ. ސަބަބަކީ އޭނާއަށް މެސީގެ ރޯލު މިހާރަށް ވުރެވެސް ފުރިހަމައަށް އަދާކުރެވޭނެތީ ކަމަށް އޭނާ ބުނެއެވެ.