09 May 2017, 16:12
އަރަބި އިސްލާމީ އުންމަތުން އެމެރިކާއާ އެކު އެލަޔަންސެއް އުފެއްދުމަށް ޓަކައި މިމަހުގެ 21 ވަނަ ދުވަހު ސައޫދީގައި އަރަބި އިސްލާމީ އަދި އެމެރިކާގެ ސަމިޓެއް ބާއްވަން ތައްޔާރުވަމުންދާކަން ސައޫދީ އަރަބިޔާ އިން ދާދިފަހުންވަނީ ހާމަކޮށްފަ އެވެ.
ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އިއްޔެ ވިދާޅުވެފައި ވަނީ ސައޫދީގައި ބާއްވާ މިސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަކުރުމަށް ޓަކައި އަރަބި އިސްލާމީ އުންމަތާއި އެމެރިކާ ގުޅިފައިވާ އެލަޔަންސެއް އުފެއްދުންކަމަށާއި މި ސަމިޓްގައި އަރަބި އިސްލާމީ ލީޑަރުންނާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ.
އަރަބި އިސްލާމީ އެމެރިކާގެ ސަމިޓްގައި ސައޫދީ ރަސްގެފާނުގެ އިތުރުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ އިތުރުން އިރާގުގެ ރައީސް ޑރ. ފުއާދު މަޢްސޫމް އާއި ތޫނިސްގެ ރައީސް އަލްބާޖީ ގާއިދް އައްސިބްސީ އާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ކަމަށް އާދިލްއަލްޖުބައިރު ވިދާޅުވި އެވެ.
މިސަމިޓްގައި ބައިވެރިވުމުގެ ދައުވަތު އިރާގާއި ތޫނިސްގެ ރައީސުންނަށް ދެއްވުމަށް ޓަކައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ ފާއިތުވި ދެދުވަހު މި ދެ ގައުމަށް ޒިޔާރަތް ކުރައްވާފަ އެވެ. މިސަމިޓްގައި މިސްރުގެ ރައީސް ބައިވެރިވެވަޑައިގަންނަވާކަން ނުވަތަ ނޫންކަން ސައޫދީން ހާމަކޮށްފައެއް ނުވެ އެވެ.
އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތައް ކަމަށްވާ ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި އިސްލާމީ އެތައް ގައުމެއްގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކާއި މިޔަންމާގެ ރޮހިންޔާ މުސްލިމުގެ މައްސަލަ މި ސަމިޓްގެ އެޖެންޑާގައި ހިމެނިފައެއް ނުވެ އެވެ.
އަރަބި އިސްލާމީ އަދި އެމެރިކާގެ ސަމިޓެއް، ސައޫދީގެ ބެލުމުގެ ދަށުން ރިޔާޒްގައި ބާއްވާކަން ސައޫދީ ޚާރިޖީ ވަޒީރު އިއްލާން މި ކުރެއްވީ އިސްލާމީ، ނަސާރާ (މަސީހީ) އަދި ޔަހޫދީ ކޯލިޝަނެއް އުފެއްދުމަށް ޓަކައި ސައޫދީއަށް ވަޑައިގަތުމަށް ޓްރަމްޕް ނިންމެވިކަން މިދިޔަ ހަފްތާގައި ޓްރަމްޕް އިޢްލާންކުރައްވާފައި ވަނިކޮށެވެ. މިކަމާ ބެހޭ ރަމްޒީ ލިޔުމެއްގައި ވައިޓް ހައުސްގެ ރޯޒް ގާޑްންގައި ޓްރަމްޕް މިދިޔަ ހަފްތާގައި ސޮއިކުރައްވި ރަސްމިއްޔާތުގައި އެމެރިކާ ބޭނުންވާ ގޮތަށް އިސްލާމީ އުސޫލުތައް ތަފްސީރުކުރާ ބާވަތުގެ އިސްލާމީ އިލްމުވެރިންގެ އިތުރުން ނަސާރާ ފާދިރީންނާއި ޔަހޫދީންގެ ހިބްރުން (ރައްބީން) ބައިވެރިވި އެވެ.
ޓްރަމްޕަކީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުމުގެ އިތުރުން އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ފާޅުގައި ވާހަކަ ދައްކަވާ އިސްލާމް ދީނާ ދުޝްމަން ބޭފުޅެކެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއަށް އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފަ އެވެ.
ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ ސައޫދީ އަރަބިޔާއާއި އިސްރާއީލު ހިމެނޭގޮތަށް އެލަޔަންސެއް އެކުލަވާލުމުގެ ވާހަކަ ޓްރަމްޕް އިޢްލާން ކުރެއްވިނަމަވެސް އަރަބި އިސްލާމީ އުންމަތުން އެމެރިކާއާ އެކު ހަދާ އެލަޔަންސްގައި އިސްރާއީލު ބައިވެރިވާކަން ނުވަތަ ނޫންކަން ސައޫދީން ހާމަކޮށްފައެއް ނުވެ އެވެ. އަދި އިސްލާމީ ދެތިން ގައުމެއްގެ އިސްވެރިންނާ ޓްރަމްޕް ބައްދަލުކުރައްވައި އެލަޔަންސެއް އުފެއްދުމަކީ ހުރިހާ އިސްލާމީ ގައުމުތައް އޭގައި ހިމެނުން ކަމަށް ވެސް ނުވާނެ އެވެ.
ސައޫދީއަށް ވަޑައިގެން ސައޫދީ އާއި އިސްލާމީ ބައެއް ގައުމުތަކުގެ އެއްބާރުލެއްވުން ހޯދުމުގައި ޓްރަމްޕްގެ ބޭނުމަކީ ސައޫދީއާއި އިސްލާމީ ބައެއް އެހެންގައުމުތަކުން އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލުގެ ދައުލަތް ސައޫދީން ގަބޫލުކުރުމަށް މަގުފަހިކުރުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އީރާނާ ދިމާކުރުން ކަމަށް ބައެއް މުހައްލިލުން ވިދާޅުވެ އެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު އޭނާ ވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އީރާންގެ މައްޗަށް ކުރައްވާފަ އެވެ. ޓްރަމްޕް ސައޫދީއަށް ވަޑައިގަންނަވަނީ އީރާނާއި ސައޫދީގެ ގުޅުންތައް ވަރަށް ގޯސްވެ އެއްގައުމު އަނެއް ގައުމަށް ހަނގުރާމައިގެ ބިރު ދައްކަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން އީރާނުގެ އެތެރޭގައި ދާޚިލީ ހަނގުރާމަ އުފައްދާނެ ކަމުގެ އިންޒާރު ސައޫދީ ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިިން ސަލްމާން ދެއްވުމުން އީރާނުގެ ދިފާއީ ވަޒީރު ވަނީ މިފަދަ ކަމެއް ސައޫދީން ކޮށްފި ނަމަ މައްކާއާއި މަދީނާ ފިޔަވައި ސައޫދީ ހުރިހާ ސަރަހައްދުތަކަކަށް ވަރުގަދަ ޙަމަލާތަކެއްދީ ސައޫދީގައި ވެރިކަންކުރާ އާލްސަޢޫދުގެ އާއިލާގެ ވިރާޘީ ރަސްކަމުގެ ނިޒާމު ވައްޓާލާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އިސްލާމީ ނަސާރާ އަދި ޔަހޫދީ ކޯލިޝަނެއް ޓެރަރިޒަމާ ދެކޮޅަށް އުފެއްދުމަށް ޓަކައި ސައޫދީ އަށް ފަހު ޓްރަމްޕް ދެން ޒިޔާރަތް ކުރައްވާގޮތަށް ހަމަޖެހިފައި ވަނީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއީލަށެވެ. އެއަށް ފަހު ނަސާރާއިންގެ އިސްފާދިރީ ހުންނަވާ ރަށްކަމަށްވާ ވެޓިކަން އަށެވެ.
ޓްރަމްޕް ސައޫދީ އަށް ޒިޔާރަތް ކުރެއްވުމަށް ނިންމެވިއިރު އޭނާ ވަނީ ސައޫދީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމަކީ އެމެރިކާއަށް ވަރަށް ޚަރަދު ބޮޑުކަމެއްކަމަށާއި ސައޫދީން އެމެރިކާއަށް އިތުރު ފައިސާ ނުދޭނަމަ ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމު ހިމާޔަތްކުރަން އެމެރިކާއަށް ދަތިވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަނެއްކޮޅުން ޓްރަމްޕް ސައޫދީ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމެރިކާއިން އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ސައޫދީ އަށް ވިއްކުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން ގެންދާކަަން އެމެރިކާގެ މަސްއޫލުވެރިން ވަނީ ހާމަކުރައްވާފަ އެވެ. އެމެރިކާގެ ސިޔާސަތު އަބަދު ވެސް ބިނާވެފައި ވަނީ އީރާނަކީ ބިރެއް ކަަމަށް ދައްކައި ސައޫދީ އަށް ހަމްދަރްދީ ފާޅުކޮށްގެން އެމެރިކާގެ ހަތިޔާރުތައް ސައޫދީ އަށާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ވިއްކައިގެން އެއިން ބިލިޔަން ޑޮލަރުގެ ނަފާ ހޯދުމުގެ މައްޗަށެވެ.
މިގޮތަށް އެމެރިކާ މަސައްކަތްކުރާ އިރު އީރާނަކީ ޓެރަރިޒަމަށް އެހީތެރިވާ ގައުމެއްކަމަށް ވެސް ސިފަކުރާނެ އެވެ. ނަމަވެސް އަޑިއަޑިން ސިއްރިޔާތުގައި އެމެރިކާ ވަނީ އީރާނާ އެކު ވާހަކަތައް ދައްކައި ނުސީދާ ގުޅުންތައް ގާއިމް ކުރަމުން ގެންގޮސްފަ އެވެ. އޮބާމާގެ ސަރުކާރުން ވެސް އަމަލުކޮށްފައި ވަނީ މިގޮތަށެވެ. ބުޝްގެ ސަރުކާރުން ވެސް މިގޮތަށެވެ.