މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު "ދަންގަލް" ޗައިނާގައި ދައްކަން ފެށުމުން އެ ފިލްމަށް ޗައިނާ އިން ވެސް ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން ލީޑު ރޯލުން ފެނިގެންދާ "ދަންގަލް" ޗައިނާގައި ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި ވެސް އެ ފިލްމަށް ތިން މިލިއަން ޑޮލަރަށް ވުރެ މަތިން ލިބުނެވެ.

އާމިރް އާއި ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ވަނީ ފިލްމުގެ ޕްރިމިއާ އަށް ޗައިނާ އަށް ގޮސްފަ އެވެ. ޗައިނާގެ 9000 ސްކްރީނެއްގައި އެ ފިލްމު ދައްކަން ފަށާފައި ވަނީ ހުކުރު ދުވަހު އެވެ.

އިންޑިއާ އިން ވެސް "ދަންގަލް" އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބުނު އިރު ޗައިނާގައި އެ ފިލްމު ރިލީޒް ކުރީ 'ޝުއާއީ ޖިއާއޯ ބާބާ' ގެ ނަމުގަ އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި ކާމިޔާބު ފިލްމުގެ މަގާމު ހޯދާފައިވާ "ދަންގަލް" ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑްތައް މުގުރައި، އެންމެ ބޮޑު އާމްދަނީ ލިބުނު ހިންދީ ފިލްމުގެ ރެކޯޑް ވަނީ މުގުރާލައިފަ އެވެ. އެ ފިލްމަށް މިހާތަނަށް އިންޑިއާ އާއި ބޭރު ދުނިޔެ އިން ވަނީ 800 ކްރޯޑް (8000 މިލިއަން) ރުޕީޒް ލިބިގެން ގޮސްފަ އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.