10 Jul 2011, 15:41
ސިފައިން ނުކުމެ ގަވައިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީން ހޯދަން މަސައްކަތް ފަށާނެ ކަމުގެ އިޝާރާތް ވުމާއެކު ގަވައިދާ ހިލާފު ބިދޭސީން ފުރަފުރައިގެން ރާއްޖެ އެކި ރަށްރަށް ދަތުރުކުރަމުން އެބަދާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ ފުރައިގެން ކޮންމެ ރަށަކަށް ދިޔަ ކަމުގައި ވީނަމަވެސް ގަވައިދާ ހިލާފު ބިދޭސީން ހޯދަން އެއްވެސް ރަށެއް ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
"ބިދޭސީންގެ ކަންތަކުގެ ސަރުކާރުގެ ސިޔާސަތު ހަރުދަނާވެ، ސިފައިން ނުކުމެ ރޭޑް ކުރާނެ ކަމުގެ އިޝާރާތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކޮންމެވެސް ގޮތަކުންވީ. އެގޮތުން ރަށްރަށް ބަދަލުވާން ފެށީ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑަށް ރިޕޯޓްތައް ލިބިފައި އޮތީ އެ ގޮތަށް އަދި ސިދާ އަޅުގަނޑަށް ފެނިފައި ވެސް އެބަހުރި،"
ކޮންޓްރޯލާ ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީން ފުރަފުރައިގެން ދަނީ ކޮންކޮން ރަށްތަކަކަށް ކަމެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ފަރާތްތަކުން ބޮޑެތި މަސައްކަތްތައް ހިންގާ ބައެއް ދިވެހި ވިޔަފާރިވެރިންގެ އެހީ ހޯދި ކަން އެނގިފައިވާ ކަމަށެވެ.
"ބޮޑެތި މަސައްކަތްތައް ހިންގާ މީހުންގެ އެހީ ހޯދައިގެން އެމީހުން އެހީތެރި ކަމުގައި ވެސް އެބަދޭ ރަށްރަށަށް،" ޝާހިދު ވިދާޅުވި އެވެ.
ރަށްރަށަށް ދިޔަ ނަމަވެސް ގަވައިދާ ހިލާފު ބިދޭސީން ހޯދުމުގެ މަސައްކަތުގައި ހުރިހާ ރަށެއް ބަލައި ގަވައިދާ ހިލާފު ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. އަދި ބޭފަރަށް ފެންނަ ވަރު ނުވަނީ. ސަބަބަކީ އެތެރޭގައި ކުރަން ޖެހޭ ބައިވަރު މަސައްކަތް ވެސް އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.