ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާވޭސްގެ 49 ޕަސަންޓު ހިއްސާ ވިއްކާލާނެ ފަރާތެއް އެގައުމުން އަލުން ހޯދަން ފަށައިފިއެވެ. ރަސްމީ ފަރާތްތަކާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ސްރީލަންކަންގެ ހިއްސާ ވިއްކާލުމަށް ސަރުކާރުން މިހާރު މަޝްވަރާކުރަމުން ދަނީ އެމިރޭޓްސްއާއެވެ.

ސްރީލަންކަން އެއާލައިންސްގެ ދަރަނީގެ މައްސަލަ ބޮޑުވެ، އެ އެއާލައިނުގެ 49 ޕަަސަންޓު ހިއްސާ ވިއްކާލުމުގެ މަސައްކަތް ސްރީލަންކާއިން ކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެކަމަށް ނުވަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި އިރު، ޝޯޓުލިސްޓުވި ތިން ކުންފުނީގެ ތެރެއިން ހިއްސާ ވިއްކާލުމަށް ލަންކާ ސަރުކާރުން ނިންމީ އެމެރިކާގެ (ޓީޕީޖީ)އަށެވެ.

އެހެން ނަމަވެސް އޭއެފްޕީއިން ރިޕޯޓުކުރާ ގޮތުގައި، ޓީޕީޖީއިން ވަނީ ސްރީލަންކަންގެ ހިއްސާ ގަތުމަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

"ޑިއު ޑިލިޖެންސް ހެދުމަށްފަހު، ޓީޕީޖީއިން ވަނީ ސްރީލަންކަން އެއާލައިންސަށް އިންވެސްޓް ނުކުރާނެކަމަށް އަންގާފައި،" ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޖިތު ޑަޔަސް، ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވިއެވެ.

އަޖިތު ވިދާޅުވީ ސްރީލަންކަން އެއާލައިންސްއަށް ވުރެ ފައިދާ ބޮޑެތި އިންވެސްޓްމެންޓް ފުރުސަތުތައް ޓީޕީޖީއަށް ލިބެން ހުރިކަމަށް އެކުންފުނިން ބުނެފައިވާ ކަމަށެވެ.

ރަސްމީ މަސްދަރުތަކާ ހަވާލައިދީ، ލަންކާގެ ކޮލޮމްބޯޕޭޖު ނޫހުން ބުނާ ގޮތުގައި، ސްރީީލަންކަން އެއާލައިންސްގެ ހިއްސާ ވިއްކާލުމުގެ މަޝްވަރާތައް މިހާރު ކުރަމުން ދަނީ ދުބާއީގެ އެމިރޭޓްސްއާ އެވެ.

އެމިރޭޓްސްއިން މީގެ ކުރިންވެސް ސްރީލަންކަން އެއާލައިންސްގެ ހިއްސާއެއް ކޮންޓްރޯލުކުރަމުން ދިޔައެވެ. އެމިރޭޓްސްއިން ސްރީލަންކަން ހިންގި ދުވަސްވަރު އެކުންފުންޏަށް މާލީ ފައިދާވެސް ވިއެވެ.

އެހެން ނަމަވެސް ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2008 ވަނަ އަހަރު އެމިރޭޓްސްއިން ސްރީލަންކަން އެއާލައިންސް ހިންގުމުގެ އެއްބަސްވުން ބާތިލުކުރީ ޒާތީ މައްސަލައަކާ ގުޅިގެންނެވެ. އެއްބަސްވުން ބާތިލުކުރީ، ރާޖަޕަކްސަގެ އަރިސް ބަޔަކަށް ފްލައިޓަކުން ޖާގަ ދިނުމަށްޓަކައި، ފްލައިޓުގައި ތިބި ފަސިންޖަރުންތަކެއް ފްލައިޓުން ބޭރު ނުކުރި މައްސަލައިގައެވެ.