ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓްރެސް އަންކިތާ ލޮކާންޑޭގެ ގުޅުން ނިމިގެން ދިޔައީ ރަނގަޅަކަށް ނޫނެވެ.

ސުޝާންތު އާއި އަންކިތާ ބައްދަލުވެ، ރައްޓެހިވީ ޒީޓީވީން ގެނެސްދިން މަގްބޫލު ޝޯވ "ޕަވިއްތުރަ ރިޝްތާ" އިންނެވެ. ހަ އަހަރު އެކުގައި އުޅުމަށް ފަހު ދެމީހުން ވަކިވި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ދެމީހުން ވަކިވީ ކައިވެނީގެ ކަންކަން ވެސް ހަމަޖެހިފައި ވަނިކޮށެވެ.

ދެމީހުންގެ ގުޅުން ނިމުނު ފަހުން އެކަކު އަނެކަކާ ވާހަކަ ދައްކާފައެއް ނުވެއެވެ.

ނަމަވެސް އޭގެ އަހަރެއް ފަހުން ސުޝާންތު އާއި އަންކިތާ އެކުގައި މިވަނީ ފެނިގެން ގޮސްފައެވެ. ދެމީހުން އެކުގައި ފެނިގެން ގޮސްފައި ވަނީ މުމްބާއީގެ ކޮފީ ޝޮޕެއްގައި ކޮފީއެއްގައި ތިއްބައެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ދެމީހުން ކޮފީއެއްގައި ތިބި ނަމަވެސް އެކަކު އަނެކަކާ މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.

މިއީ ދެމީހުންގެ ދެމެދުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ނިމުމަކަށް ގެނެސް، އެކުވެރިކަން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ސުޝާންތު އަކީ މިހާރު އަރަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ. އަންކިތާއަށް ވެސް މިހާރު ވަނީ ބޮލީވުޑަށް ތައާރަފުވުމަށް ފުރުސަތު ލިބިފައެވެ.