ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ ސާއްހަ އިނާމް މަޒްނާ އަލީ، އަލީ ސައުދާން ޝަހީން އަދި ނާދިހް އަބްދުލްހަމީދަށް ލިބިއްޖެއެވެ.

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ހިތުންނާއި ފޮތުން ކިޔެވުމުގެ ބައިގެ އިތުރުން ހާފިޒުންނަށް ހާއްސަ ކެޓަގަރީތަކުން އިނާމް ދީފައިވާއިރު، ރައީސްގެ ހާއްސަ އިނާމް ވެސް ދީފައިވެއެވެ.

އެގޮތުން ފޮތުން ކިޔެވުމުގެ ގޮފިން ރައީސްގެ ހާއްސަ އިނާމް ލިބުނީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 15 ފޮތުން އެއްވަނަ ހޯދި، އަލިފުށި ސްކޫލްގެ ދަރިވަރު މަޒްނާ އަލީއަށެވެ.

ސުކޫލް ކުދިންގެ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސްގެ ހާއްސަ އިނާމް ލިބުނު ދަރިވަރަކަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ ހިތުން ކިޔުމުގެ ގޮފިން ހަ ފޮތުން އެއްވަނަ ހޯދި، އިމާދުއްދީން ސްކޫލްގެ ދަރިވަރު އަލީ ސައުދާން ޝަހީން އެވެ.

އަދި ހާފިޒުންގެ ގޮފިން ރައީސްގެ ހާއްސަ އިނާމް ލިބުނީ މުބާރާތުގެ ހާފިޒުންގެ ގޮފިން ވެސް އެއްވަނަ ހޯދި ކަލާފާން ސްކޫލްގެ ދަރިވަރު، ނާދިހް އަބްދުލްހަމީދެވެ.

ރައީސްގެ ހާއްސަ އިނާމް ލިބުނު ދަރިވަރުންނަށް އިނާމްތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެހެނިހެން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ސުކޫލް ކުދިންގެ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސްގެ ހާއްސަ އިނާމް ލިބުނު ދަރިވަރަކަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތުގެ ރަންވަނަތައް ހޯދި ދަރިވަރުން:

  • ފޮތުން ކިޔެވުމުގެ ގޮފިން ފަސް ފޮތުން އެއްވަނަ:
    • ޒޫޝާން ޖަވާދު، މުހްޔިއްދީން ސްކޫލް
  • ފޮތުން ކިޔެވުމުގެ ގޮފިން 10 ފޮތުން އެއްވަނަ:
    • މަރްޔަމް އަފާފް މުހައްމަދު/ ހއ. އަތޮޅު މަދަރުސާ
  • ފޮތުން ކިޔެވުމުގެ ގޮފިން 15 ފޮތުން އެއްވަނަ:
    • މަޒްނާ އަލީ/ އަލިފުށި ސްކޫލް
  • ހިތުން ކިޔެވުމުގެ ގޮފިން ދެ ފޮތުން އެއްވަނަ:
    • ޝިރުހާނު އަލީ/ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • ހިތުން ކިޔެވުމުގެ ގޮފިން ހަތރު ފޮތުން އެއްވަނަ:
    • އާއިޝަތު މިޝްގާ ނާސިރު/ ތޮއްޑޫ ސްކޫލް
  • ހިތުން ކިޔެވުމުގެ ގޮފިން ހަ ފޮތުން އެއްވަނަ:
    • އަލީ ސައުދާން ޝަހީން/ އިމާދުއްދީން ސްކޫލް
  • މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނަ:
    • ނާދިހް އަބްދުލްހަމީދު/ ކަލާފާން ސްކޫލް

ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން އުފެއްދުމާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އުފެއްދުމުގެ އިތުރުން މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން ގާއިމްކުރުމުގެ މަގްސަނދުގައި ބޭއްވި ސްކޫލްތަކުގެ ޤުރުއާން މުބާރާތުގައި މިއަހަރު 296 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސުކޫލް ކުދިންގެ ޤުރުއާން މުބާރާތުގެ ވަނައެއް ލިބުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއީ ފޮތުން ކިޔެވުމުގެ ގޮފިން 168 ދަރިވަރުންނާއި ހިތުން ކިޔެވުމުގެ ގޮފިން 125 ދަރިވަރުން އަދި ހާފިޒުންގެ ގޮފިން ހަ ދަރިވަރުންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ހަތަރު ދާއިރާއަކުން ދަރިވަރުން ހޮވައިގެން ބޭއްވި އެ މުބާރާތުގައި ދަރިވަރުން ހޮވާފައިވަނީ ވ. އަތޮޅުގެ ސްކޫލްތަކުން ހޮވޭ ހަ ދަރިވަރަކާއި އެހެން ކޮންމެ އަތޮޅެއްގެ އަތޮޅު ސްކޫލްތަކުން ހޮވޭ 12 ދަރިވަރުންގެ އިތުރުން އައްޑޫ ސިޓީން ހޮވޭ 18 ދަރިވަރަކާއި މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން ހޮވާލެވޭ ހަ ދަރިވަރަކެވެ.

އަދި މިދިޔަ އަހަރު ބޭއްވި ގައުމީ ޤުރުއާން މުބާރާތުގައި އަންހެން އަދި ފިރިހެން ވަކިން އިންސާފު ކުރިނަމަވެސް، މި މުބާރާތް ބާއްވާފައިވަނީ ދެ ޖިންސު އެއްކޮށެވެ.

ސުކޫލް ކުދިންގެ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް