09 May 2017, 06:35
މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ވެލެންސިޔާ ބަލިކޮށް މާޒިޔާއިން ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު އެ މެޗް މާޒިޔާއިން ކާމިޔާބުުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗަށް ބަލާއިރު މާޒިޔާ އެ މެޗުގައި ފެނުނީ ތަފާތުކޮށެވެ. އަދި މާޒިޔާއިންވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާއި ހަމައަށް ވެސް އެއް ގޮތެއްގައި ހިފަހައްޓާލާފައެވެ.
މެޗުގައި މާޒިޔާއަށް ލީޑު ނަގައިދިނީ މިހާތަނަށް ލީގުގައި އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއާ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އޭނާ އެ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނިޓުގައެވެ.
މެޗުގެ 38 ވަނަ މިނިޓުގައި މާޒިޔާ އިން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރެވެ.
މެޗުގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. ވެލެންސިޔާގެ ގައުމީ ޓީމު ކީޕަރު ފައިސލަ ނައްޓާލުމަށްފަހު އަސައްކޮ އެ ގޯލް ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނިޓުގައެވެ.
އެ ނަތީޖާއާއެކު މާޒިޔާ ވަނީ ލީގު ތާވަލުގެ އެއް ވަނަ މަގާމުގައި 18 ޕޮއިންޓާ އެކު ހަމަޖެހިލާފަ އެވެ. އަދި ވެލްނސިޔާއާ މި ބައްޔާއެކު ވަނީ ތާވަލުގެ ފުލަށް ވެއްޓީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ.
މި މެޗަކީ މާޒިޔާ މި ސީޒަނުގައި މާލޭ ލީގުގައި ބަލި ނުވެ ފުރިހަމަ ކުރި ހަ ވަނަ މެޗެވެ.