ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގައި، މެލޭޝިއާގެ މަޝްހޫރު ރިސާޗް ސެންޓަރަކާ ގުޅިގެން ރިސާޗް ސެންޓަރެއް ގާއިމްކޮށް، ހުޅުވައިފިއެވެ.

އެވިޑް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރު (އެރިކް)ގެ ނަމުގައި ރޭ އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.

ގާތްގަނޑަކަށް 25000 އެމެރިކާ ޑޮލަރު އިންވެސްޓް ކޮށްގެން އެވިޑް ކޮލެޖުގައި ރޭ ހުޅުވި ރިސާޗް ސެންޓަރަކީ ޔުނިވާސިޓީ މެލޭޝިއާ ކެލަންޓަން (ޔޫއެމްކޭ)ގެ ގުލޯބަލް އެންޓްރަޕްރިނިއާޝިޕް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރު (ގެރިކް)އާ ގުޅިގެން ގާއިމްކުރި ސެންޓަރެކެވެ.

އަދި އެ ސެންޓަރު ގާއިމްކުރުމަށް ގެރިކްގެ ހެޑް އޮފް ރިސާޗްއެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާގެ މަޝްހޫރު ރިސާޗް ޕްރޮފެސަރެއްގެ ކޮންސަލްޓޭޝަން ހޯދާފައިވާއިރު، އެވިޑް ކޮލެޖުގެ ސްޓާފުންނަށް އެކަމުގެ ތަމްރީން ވަނީ ދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެވިޑްގެ ރިސާޗް ސެންޓަރަށް ޓެކްނިކަލް އެހީތެރިކަމާއި ޕްރޮފެސަރުން ފޮނުވުމުގެ އެއްބަސްވުންތަކެއްގައި މެލޭޝިއާގެ ހަތަރު ޔުނިވާސިޓީއަކާއެކު ސޮއި ކޮށްފައެވެ.

ގެރިކް، މެލޭޝިއާގެ ރިވާބޭންކް އެކެޑަމީ، އައިކޫޕް ކޮލެޖް އަދި ލިންކޮލިން ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދުއެވެ. ހަތަރު ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ގެރިކްގެ ހެޑް އޮފް ރިސާޗް އަދި އެރިކްގެ ކޮންސަލްޓަންޓް ޕްރޮފެސަރު ނަރޭޝްއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗެއާމަން މުސްތާގް ވިދާޅުވީ، އެވިޑް ކޮލެޖުން އަބަދުވެސް މަސައްކަތްކުރަނީ ތަޖުރިބާކާރުން މަސައްކަތްކުރާ ގޮތް ބަލައި އެ ފަރާތްތަކުން އާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އެވިޑް ކޮލެޖުގައި ގާއިމްކުރި ސެންޓަރަކީ ވެސް އެކަމުގެ މިސާލެއްކަން ފާހަގަކޮށް މުސްތާގް ވިދާޅުވީ، އެވިޑްގެ ރިސާޗް ސެންޓަރުން ޖާނަލްތައް ތައާރަފް ކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެ، އޭގެ ދިރާސާތައް ކުރުމަށް ކޮލެޖުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުނގަޑުމެންނަށް ނުކުރެވޭ ކަންކަން ވެސް ބޭރުގެ އެހީތެރިކަން ހޯދައިގެން ވެސް ސަރުކާރުގެ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން. އަދި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް ހަޔާ އެޑިއުކޭޝަން އަދި އޭލެވެލް ހަދާ ދަރިވަރުންނަށް އެވިޑް ކޮލެޖުގެ ރިސާޗް ސެންޓަރުން ހިލޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވޭ،" މުސްތާގް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގައެވެ. އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.

ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ. އެގޮތުން މިހާރު އެ ކޮލެޖުގެ ދެ ކެމްޕަހެއް މާލޭގައި ދަނީ ހިންގަމުންނެވެ.