10 Jul 2011, 14:58
ވިލިމާލޭގައި ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް ކައްކައި ކާން ދެމުން އައި ސިންފަނީން އެ ހިދުމަތް ހުއްޓައިލުމުން ބިޑަށް ނުލައި ވިލިމާލޭ ފުލުހުންނަށް ކާން ދިނުން ސައުތު ހޮޓަލުގެ ވެރިޔާ، މުހައްމަދު ތައުފީގު )ސައުތު ތައުފީގު( އާ ހަވާލުކޮށްފި އެވެ.
ފުލުސް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ވިލިމާލޭގައި ތިބޭ ފުލުހުންގެ ކެއުމުގެ ކަންތައް ސައުތު ތައުފީގާ ހަވާލުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ އެ ހިދުމަތް ދެމުން އައި ސިން ފަންނީން ސަބަބުތައް ދެއްކުމަށް ފަހު އެއް ފަރާތް ވުމުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބިޑަށް ނުލައި ސައުތު ތައުފީގާ ހަވާލު ކުރީ ވަގުތީ ގޮތުން ކަމަށެވެ.
"ބިޑް އަލުން އޯޕަން ކުރެވެންދެން ވެސް އެތާނގައި ތިބޭ ފުލުހުންނަށް ކާންދޭން ޖެހޭ. އެހެންވީމާ ވަގުތީ ގޮތުން ހަވާލު ކުރީ. މިހާރު ފިނޭންސުން އެ ބިޑުގެ މަސައްކަތް ކުރިޔަށް އެބަގެންދޭ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ވިލިމާލޭ ފުލުހުންނަށް ކާން ދިނުމުގެ ހިދުމަތް ސިންފަނީން ދޫކޮށްލީ ތަކެތީގެ އަގު ބޮޑުވުމާއި ކުރިން ހިދުމަތް ދެމުން އައި އަގުގައި ކެއުމުގެ ހިދުމަތް ދެވެން ނެތް ކަމަށް ބުނެ ބައިވަރު ސަބަބުތައް ދެއްކުމަށް ފަހު ކަމަށެވެ.