08 May 2017, 21:45
ފްރާންސްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިމަނުއެލް ޖީން-މިޝެލް ފްރެޑެރިކް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި، އިމަނުއެލް ޖީން-މިޝެލް ފްރެޑެރިކް މެކްރޮން ފްރާންސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ކަމަށް ޓަކައި އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ފްރާންސާ ދެ ގައުމުގެ ދެމެދުގައި ގާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް މިހިނގާ މޭ މަހުގެ 20 ވަނަ ދުވަހު 46 އަހަރު ފުރޭނެކަން ފާހަގަކުރެއްވި އެވެ. އަދި، ފްރާންސްގެ އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި، ރާއްޖެއާއި ފްރާންސާއި ދެ ގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިންނާއި ޓެރަރިޒަމް ނައްތާލުމުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި އިމަނުއެލް ޖީން-މިޝެލް ފްރެޑެރިކް މެކްރޮންއަށް ފުރިހަމަ ޞިއްޙަތަކާއި އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.