ސިފައިންގެ މިލިޓަރީ ހޮސްޕިޓާ، ސެނަހިޔާއިން ވެސް އާސަންދައިގެ ޚިދުމަތް ދޭން އަލުން ފަށައިފި އެވެ.

އާސަންދަ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:20 ކަންހާއިރު، އާސަންދަ ސްކީމުގެ ދަށުން އަމިއްލަ ތަންތަނުން ދޭ ޚިދުމަތްތައް ނިންމި އެވެ. އާސަންދަ ކަނޑާލި ސަބަބެއް ކަމަށް އޭރު އާސަންދައިން ބުނީ އަމިއްލަ ތަންތަނުން އެކަށޭނަ އަގަކާ ނުލައި ހިދުމަތް ދޭތީ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން އެ ހޮސްޕިޓަލުގައި ވެސް އާސަންދައިގެ ޚިދުމަތް ކުރިއެކޭ އެއް ގޮތަށް ދޭން ފަށާފައިވާ ކަމަށެވެ.

އާސަންދަ ހެލްތު އިންޝުއަރަންސް ސްކީމުގައި ހިމެނޭ ޚިދުމަތްތައް، ދައުލަތުން ހިންގާ ސިއްޚީ ޚިދުމަތްދޭ ތަންތަނުން ހިލޭ ލިބޭ ނަމަވެސް، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ޚިދުމަތްތައް ކަވަރު ކުރަނީ ވަކި މިންވަރަކަށެވެ.

އެމްއެންޑީއެފްގެ ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ދޭން ފަށާފައި ވަނީ ކުރިން އޮތްގޮތަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވުމާ އެކު އެވެ.