ތެލަސީމިއާ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ، އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 10 މެއި، 2012 ވަނަ އަހަރުއެވެ.

ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަދު މޯލްޑިވްސް ތެލަސީމިއާ ސެންޓަރުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ތެރޭގައި ތެލަސީމިއާއަށް ސްކްރީން ކުރުމުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާއިރު، އަތޮޅުތަކުގައި ތިބި ތެލަސީމިއާ ކުދިންނަށް ބޭހާއި ފަރުވާ ލިބޭނެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތެލަސީމިއާ ފެތުރިގެންދާ ގޮތް މުޖުތަމައުގެ ގިނަ ބަޔަކަށް އެނގޭ ނަމަވެސް، އެކަން ކޮންޓްރޯލް ކުރުމަށް ބެލެނިވެރިންގެ ޒިންމާ ބޮޑު ކަމަށެވެ.

އެގޮތުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން މާލެ އާއި އަތޮޅުތަކުގައި އިތުރު ކުރުމަށް ސަރުކާރުން ދެމި ތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ސެންޓަރު (އެމްބީއެސް) އިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް ތެލަސީމިއާ ކުދިންގެ ގޮތުގައި 850 ޕޭޝަންޓުން ރަޖިސްތްރީ ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު އިތުރު 14 ކުދިން އަލަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ތެލަސީމިއާ ބަލިން އެއްކޮށް ރަނގަޅުކުރުމަށް ކުރާ އޮޕަރޭޝަން، ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ހަ ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ތިން ކުއްޖެއްގެ އޮޕަރޭޝަން ވަނީ ކާމިޔާބު ވެފައެވެ.

ބޯންމެރޯ ހެދުމުގެ ތެރޭގައި މިހާތަނަށް ތެލަސީމިއާ އަށް ކުއްޖަކު ވަނީ ނިޔާވެފަ އެވެ.