08 May 2017, 14:47
ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)އިން ތައްޔާރުކުރި ސެލްފް ސަރވިސް އޮންލައިން ޕޯޓަލް 'އިންފިނިޓީ' ތަޢާރަފުކޮށްފިއެވެ.
އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލްއަކީ، އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ، އަދި މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އަނިޔާވެރިގޮތަކަށް މަރާލި މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު އިސްވެ ހުރެ މަސައްކަތްތަކެއް ކޮށްފައިވާ ޕޯޓަލެކެވެ.
އިންފިނިޓީ ފަރުމާކޮށްފައިވަނީ، އާންމުންނަށް ފަސޭހައިން ހިއްސާ ގަނެވޭ ގޮތަށެވެ. އެގޮތުން އިންފިނިޓީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ހިއްސާގެ އެކައުންޓު ހުޅުވުމާއި، އާންމުންނަށް ހިއްސާ ވިއްކަން ހުޅުވާލާފައިވާ ކުންފުނިތަކުގެ ހިއްސާއަށް އޮންލައިންކޮށް ސަބްސްކްރައިބްކުރުމުގެ ޚިދުމަތް ހިމެނެއެވެ.
އެމްއެސްޑީސީގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ، އިންފިނިޓީ މެދުވެރިކޮށް ސެކިއުރިޓީޒް އެކައުންޓު ހުޅުވުމާއި، ހިއްސާ ގަތުމުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، ހިއްސާގެ ބާޒާރުންދޭ ޚިދުމަތްތަކުގެ ކަވަރޭޖް ވަރަށް ބޮޑުތަން އިތުރުވެގެންދާނެކަމުގައެވެ.
"އަތޮޅު ތެރޭގައި ހުރެގެންވެސް، އެކައުންޓު ހުޅުވުމާއި ހިއްސާ ގަތުމަށް އެދެވޭނެކަމަށާއި އަދި މިވަގުތު ހިއްސާ ވިއްކަން ހުށައަޅާފައިވާ އޫރިދޫގެ ހިއްސާ ބޭނުންވާ ފަރާތްތަކަށް، ބީ.އެމްއެލްގެ ޕޭމަންޓް ގޭޓްވޭ، އެމްއައިބީގެ ޕޭމަންޓް ގޭޓްވޭ އަދި އުރީދޫ-އެމް ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ،" ހަސަން މަނިކު ވިދާޅުވިއެވެ.
އިންފިނިޓީން ސެކިއުރިޓީޒް އެކައުންޓު ހުޅުވޭނެ
އިންފިނިޓީ މެދުވެރިކޮށް ހިއްސާގެ އެކައުންޓު ހުޅުވުމަށް ބޭނުންވާ މަޢުލޫމާތު 5 މިނިޓް ތެރޭގައި ފުރިހަމަކުރެވޭނެއެވެ. އެކައުންޓު ހުޅުވުމަށް ބޭނުންވާނީ، އައިޑީ ކާޑު ކޮޕީ އަދި އެފަރާތަކާގުޅޭ އަސާސީ މަޢުލޫމާތެވެ. އިންފިނިޓީ މެދުވެރިކޮށް އެކައުންޓު ހުޅުވުމަށް އެދުމުން، އެކައުންޓު ހުޅުވުނުކަމުގެ ކޮންފަރމޭޝަން އީމެއިލްކުރެވޭނެއެވެ.
އިންފިނިޓީން ހިއްސާ ގަނެވޭނެ
އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ފައިސާ ދެއްކުމާއެކު، ހުޅުވާލާފައިވާ ޕަބްލިކް އޮފަރގައި ކަނޑައަޅާފައިވާ ޓައިމްލައިންގައި، ޙިއްޞާ އެކަށައެޅުމަށްފަހު ޙިއްޞާގެ ސެޓްފިކެޓް އެމްއެސްޑީ އެކައުންޓަށް ޖަމާކުރެވޭނެއެވެ.
އެމްއެސްޑީން ބުނީ، ދިވެހިރާއްޖޭގެ ސްޓޮކް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަރަށް ކައިރި މުސްތަގުބަލެއްގައި އިންފިނިޓީ މެދުވެރިކޮށް އާ ޚިދުމަތްތަކެއް ތައާރަފްކުރާނޭ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
"އަަޅުގަނޑުމެން މިދަނީ މިހާރުވެސް، އެ ޕޯޓަލް އިތުރަށް ފުރިހަމަކޮށް، އިތުރު ޚިދުމަތްތަކެއް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން. އެގޮތުން ވަރަށް އަވަހަށް އިންފިނިޓީގެ މޮބައިލް އެޕްލިކޭޝަން، އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް ތައާރަފްކުރެވޭނެ،" އެމްއެސްޑީގެ އޮފިޝަލަކު ސަންއަށް ވިދާޅުވިއެވެ.