މިއަދު މާލޭ ލީގުގައި ޓީސީ ސްޕޯޓްސް އާ ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެއް ކަމަށާއި އަދި މިއީ ފުރަތަމަ ބުރުގައި ކުޅޭނެ އެންމެ އުނދަގޫ މެޗަށް ވެގެންދާނެކަމަށް ދެޓިމުގެ ކޯޗުން ބުނެފިއެވެ.

މިއަދު ހަވީރު 16:00ގައި ކުޅޭ މެޗާ ގުޅޭ ގޮތުން ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބުނީ މިއަދުގެ މެޗަކީ ކޮންމެހެންވެސް މޮޅުވުން މަޖުބޫރު މެޗެއްކަމަށާއި މިވަގުތު ޓީސީ އާ ގްރީން ސްޓްރީޓް، ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާތީ ނަތީޖާ ކޮންމެހެންވެސް ނެރެންޖެހޭ މެޗެއްކަމަށެވެ.

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޮބާ ބުނީ ޓީސީ އަކީ މޮޅު ޓީމެއްކަމަށެވެ. އަދި އެ ޓީމަކީ އެއް ފެންވަރެއްގައި ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލަމުންދާ ޓިމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅުމަކީ ގްރީން ސްޓްރީޓަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ގްރީން ސްޓްރީޓަކީ މޮޅު ޓީމެއްކަމަށާއި އަދި އެ ޓީމަކީ މި ސީޒަނުގައި އެއް ފެންވަރެއްގައި ކުޅެމުން އަންނަ ޓީމެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓާ ދެކޮޅަށް ޓީސީ ނުކުންނައިރު އެ މެޗު ފަސޭހަ ނުވާނެ ކަމަށާއި މުޅި ޓީމްވެސް މެޗަށް ތައްޔާރުވެފައިވާކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ގްރީން ސްޓްރީޓްގައި ވިސްނަންޖެހޭ ވަރުގެ ކުޅުންތެރިން ތަކެއް އެބަތިބި ކަމަށާއި ޓީސީގެ ޑިފެންސް ލައިނުން މިއަދުގެ މެޗުގައި ވަރަަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ބުނީ އިދިކޮޅުން ކުޅެނީ އަވަސް، ހަލުވި ކުޅުމެއް ކުޅޭ ޓީމެއް ކަމަށްވީ ނަމަވެސް ޓީސީ ކުޅޭނީ އެ ޓީމުގެ ސްޓައިލުގައި ކަމަށެވެ.