10 Jul 2011, 14:18
އާޖެންޓީނާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި ޕެރަގުއޭގެ ވާދަ ކުރުމުގައި މެޗުން ބްރެޒިލް ބަލިވާން ދަނިކޮށް ދުނިޔޭ ލޯތައް ހުއްޓިފައިވާ ޒުވާން ފޯވަޑް ނޭމާގެ ބަދަލުގައި ކުޅެން ނުކުތް ފްރެޑް ހިތްވަރުކޮށް ބްރެޒިލް ސަލާމަތްކޮށްދީފި އެވެ. މެޗު ނިމި ނިމި އޮއްވާ ލިއޯންގެ ފޯވާޑް ޖަހައިދިން ލަނޑުން ލިބުނު ޕޮއިންޓާއެކު ބްރެޒިލް މިވަގުތު އޮތީ ގްރޫޕް ބީގެ ތިން ވަނައިގަ އެވެ.
ބްރެޒިލް އާއި ޕެރަގުއޭ ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއް ދައްކައި ޕެރަގުއޭގެ ގޯލަށް ބްރެޒިލުން ޕްރެޝަރުކުރަމުންދިޔަ ދިޔަ ނަމަވެސް ޕެރަގުއޭގެ ގޯލު ފޫދުއްވައިލެވޭ ވަރުވީ މެޗްގެ 38 ވަނަ މިނެޓްގަ އެވެ. ބްރެޒިލަށް ލަނޑު ޖަހައިދިނީ ޖެޑްސަން އެވެ. މި މެޗްގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ން ބްރެޒިލް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑާއެކު މެޗުގެ އޮއިވަރު ބަދަލުވެ ދެޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަ ހަމަ ކުޅުމެކެވެ.
ޕެރަގުއޭއިން ދެވަނަ ހާފަށް ނުކުމެފައިވަނީ ގޭމްޕްލޭން ބަދަލުކޮށް ޓީމް އިތުރަށް ވަރުގަދަކޮށްގެންނެވެ. ހާއްސަކޮށް ބްރެޒިލްގެ ނުރައްކާތެރި ފޯވާޑުން ކަމަށްވާ ނޭމާ އާއި ޕަޓޯއަށް ޕެރަގުއޭގެ ދިފާއީ ފާރު ފަޅައި ނުލެވެނޭ ހުރިހާ ރޭވުމެއް ރާވައިގެނެވެ. އޭގެ ނަތީޖާއަކަށްވީ ބްރެޒިލަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ޕެރަގުއޭ ކުޅެގަންނާނެ ފުރުސަތު ލިބުމެވެ. އެ ހާސްކަމުގެ ތެރޭގައި ބެރެޒިލް އޮއްވާ މެޗްގެ 54 ވަނަ މިނެޓްގައި ޕެރަގުއޭއިން ވަނީ ލަނޑެއްޖަހައި ބްރެޒިލް ސިއްސުވާލައިފަ އެވެ. ލަނޑު ޖެހީ ބައިނަލް އަގުވަމީ ފޯވާޑް ސެންޓަ ކްރޫޒެވެ. ޕެރަގުއޭގެ ލަނޑަށް އުފާ ފާޅު ކުރިތާ 12 މިނެޓް ފަހުން ވަނީ ބްރެޒިލް ކޮޅަށް ދެވަނަ ލަނޑެއް ވެސް ވައްދާލާފަ އެވެ. ނެލްސަން ހައިޑޯ ވަލްޑޭޒްގެ މި ލަނޑު އައީ ވެސް ސެންޓަ ކްރޫޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ލަނޑާއެކު ބްރެޒިލްގެ ކުޅުން ގެއްލި، ފެނިގެން ދިޔައީ ދިފާއީ ކުޅުންތެރިންގެ ފަރާތުން ގޯސްތައް ހެދުމުން ދިއުމާއި ފޯވާޑުންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކި ދިޔަތަނެވެ. އެ ނަތީޖާގައި އޮވެގެން ޕެރަގުއޭ މޮޅުވެ، ބްރެޒިލް ނޭވާ ހޮޅިއަށް އެޅެމުން ދަނިކޮށް މެޗްގެ ފަހު ވަގުތޮކޮޅުގައި ބްރެޒިލް ލަދުން ސަލަމާތްވީ ނޭމާގެ ބަދަލުގައި ފްރެޑް ނުކުމެ ޖަހައިދިން ލަނޑުންނެވެ.
މެޗަށް ފަހު ޕެރަގުއޭގެ ކޯޗް ޖެރާޑޯ މާޓިނޯ ބުނީ މިކަހަލަ ވަރުގަދަ މެޗްތަކުގައި ޕެރަގުއޭ ޓީމު ވަރުގަދަވާން ޖެހޭނެ ކަމަށާއި ބޯޅަ ކޮންޓްރޯލްކުރުމަށް އިސްކަމެއް ދޭންޖެހޭނެ ކަމަށެވެ.
"މިކަހަލަ ބޮޑެތި މެޗްތައް ކުޅޭއިރު ވަރުގަދަ ކުޅުމެއް ކުޅެންޖެހޭނެ. އަހަރެމެންނަށް މިއަދު އެކަން ދެއްކިއްޖެ. ބޯޅަ ކޮންޓްރޯލް ކޮށްގެން ގެންގުޅުމުގައި ޓީމުގައި މައްސަލަތަކެއް އެބަހުރި،" ޖެރާޑޯ މާޓިނޯ ބުންޏެވެ.
ގްރޫޕް ބީގެ އަނެއް މެޗްގައި އިކުއެޑޯގެ މައްޗަށް ކުރިހޯދައި ވެނެޒުއޭލާއިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. މިމެޗްގައި ހަނިގޮތަކަށް މޮޅުވިނަމަ ވެސް ވެނެޒުއޭލާއިން ދެކެނީ މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. ވެނެޒުއޭލާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސީސާ ގޮންޒާލޭސް އެވެ.