މާލޭ ލީގުގައި ރޭ ކުޅުނު މެޗުގައި ވަރުގަދަ ނިއުރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައި، ލީގުގެ ފުރަތަމަ ބުރު ނިމުމުގެ ކުރިން ކޮންމެހެން ހޯދަންޖެހޭ ތިން ޕޮއިންޓް އީގަލްސްއިން ކަށަވަރަުކޮށްފިއެވެ.

ރޭ އީގަލްސް އަތުން ނިއު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފު ފަށައިގެން ނިއުރޭޑިއަންޓްގެ ވަރުގަދަ ފޯވަޑް ލައިނުންވަނީ އީގަލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އީގަލްސްގެ ޒުވާން ކުޅުންތެރިން ތަންކޮޅެއް މަޑުން ފެށިއިރު، ނިއުއަށްވަނީ ނަތީޖާ ބަދަލުކޮށްލަން ފަހި ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަށްވެސް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. އަދި ގަލާޑޯއަށްވެސް ވަނީ ރަނގަޅު ފުރުޞަތު ތަކެއްވެސް ލިބިގެން ގޮސްފައެވެ. އެގޮތުން މެޗުގެ ކުރީ ކޮޅު ހަމްޕުއަށް ލިބުނު ބޯޅަ ކުރިއަށް ފޮނުވާލިއިރު އެ ބޯޅަ ގޮސްޖެހުނީ ގޯލް ދަނޑީގައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ގަލާޑޯއަށް ލިބުނު ފުރުޞަތުވެސް ދިޔައީ ބޭކާރު ވެގެންނެވެ.

ރޭގެ މެޗުގައި ފެނުނު ހަމައެކަނި ގޯލް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އަހުމަދު ރިޒްވާން (ރިޒޭ) ތަނަވަސްކޮށްދިން ފުރުޞަތަކުން އެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމެވެ.

އެނަތީޖާއާއެކު އީގަލްސްއަށް މިހާރު ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި އެޓީމް މިވަގުތު އޮތީ ހަތަރުވަނަ މަގާމްގައެވެ. ތާވަލްގެ ތިންވަނައިގައި، ލަނޑުގެ ތަފާތުން ޓީސީ އޮތްއިރު 10 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ފަސްވަނައިގައި އޮތީ ގްރީން ސްޓްރީޓެވެ.