އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އާސެނަލުން ނިމުމަކަށް ގެނެސްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަޚާއާއި ޑެނީ ވެލްބެކެވެ.

ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މިސީޒަންގެ ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ، ރޭ ލަންޑަނަށް އައުމުގެ ކުރީން 25 މެޗު ހަމަކޮށްފައެވެ. އޭގެ ތެރޭގައި 12 މެޗުން އެއްވަރު ވެފައިވާއިރު، 13 މެޗުން މޮޅުވެފައި ވެއެވެ.

މިހަފްތާގައި ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގެ ކުރިމަތިލުން އޯލްޑް ޓަރަފަޑްގައި ބޭއްވުމަށް ތާވަލުކޮށްފައި ވާއިރު، ފުރަތަމަ ލެގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް މޮރީނިއޯ ނެރުނު ފުރަތަމަ އެގާރައަށް އޭނާ ވަނީ އަށް ބަދަލެއް ގެނެސްފައެވެ.

ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ދަމަހައްޓަމުން އައި މެޗަކުން ބަލިނުވުމުގެ ސިލްސިލާ، އާސެނަލުން ވަނީ ރޭ ނިމުމަކަށް ގެނެސްފައި. ރޭގެ މެޗުން އާސެނަލް މޮޅުވީ 2-0 ލަނޑުން-- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ ޓީމަކަށް އިދިކޮޅު ގޯލް ހުޅުވާލެވިފައި ނުވި ނަމަވެސް، ފުރަތަމަ ހާފުގައިވެސް ދެޓީމަށް ވެސް ލަނޑު ޖަހާނޭ ފަހި ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ.

ދެވަނަ ހާފް ފަށައިގެން މާކަ ގިނަ އިރުތަކެއް ނުވެ އާސެނަލުން ވަނީ، ޔުނައިޓެޑްގެ ޑިފެންސަށް ނުރައްކާ ކުރާން ފަށައިފައެވެ. އެގޮތުން އެޓީމު ކާމިޔާބުކުރި ދެ ލަނޑު ޖަހާފައި ވަނީ، ހަތަރު މިނިޓްތެރޭގައެވެ. 54 ވަނަ މިނިޓްގައި ޒަޚާ ޔުނައިޓެޑްގެ ގޯލް ހުޅުވާލަދިނުމުން، އޭގެ ވެލްބެކް ވަނީ 57 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ.

ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ދަމަހައްޓަމުން އައި މެޗަކުން ބަލިނުވުމުގެ ސިލްސިލާ، އާސެނަލުން ވަނީ ރޭ ނިމުމަކަށް ގެނެސްފައި. ރޭގެ މެޗުން އާސެނަލް މޮޅުވީ 2-0 ލަނޑުން-- ފޮޓޯ: އޭޕީ

މި ނަތީޖާއާއެކު ޕްރިމިއާ ލީގުގެ ތާވަލަށް މާކަބޮޑު ބަދަލެއް ނައިނަމަވެސް، ޔުނައިޓެޑާއެކު މޮރީނިއޯ ދަމަހައްޓަމުން އައި ލީގު މެޗަކުން ބަލިނުވުމުގެ ސިލްސިލާ ވެންގާ މިވަނީ ނިމުމަކަށް ގެނެސްފައެވެ.

މިސީޒަންގެ ޕްރިމިއަރ ލީގުގައި މެންޔޫ އެންމެ ފަހުން ބަލިވެފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗެލްސީ އަތުންނެވެ.

ލީގު ތާވަލަށް ބަލާއިރު މެންޔޫ އޮތީ އެޓީމު ކުޅުނު 35 މެޗުން ލިބުނު 65 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. އާސެނަލް އޮތީ އެޓީމު ކުޅުނު 34 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.