08 May 2017, 11:49
ޕެރިސް (މޭ 8) : ފަރަންސޭސި މުޖްތަމައުގައިވާ ނުތަނަވަސްކަމާއި ބައިބައިވުން ކުޑަކޮށް ފަރަންސޭސި ގައުމީ މަސްލަހަތު އިސްކުރުމަށް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެންމަނުއެލް މެކްރޯން ވައުދުވެ ވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ޕެރިހުގެ ލޯފަރ ދާރުލްއާސާރުގެ ކުރިމަތީގައި ދެއްވި ތަގްރީރެއްގައި އުމުރުން 39 އަހަރުގެ މެކްރޯން ވިދާޅުވީ ރިޔާސީ ކޭންޕޭންގެ ސަބަބުންނާއި އެނޫން ވެސް ސަބަބުތަކާ ގުޅިގެން މިވަގުތު ފަރަންސޭސި ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށާ މި ބައިބައިވުންތައް ފިލުވާލައި ގައުމު އެއްބައިވަންތަ ކުރަން ޖެހޭ ކަމުގަ އެވެ.
އަދި ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރުމަށް ޓަކައި އެހެންގައުމުތަކުގެ ކަންކަމަށް ވުރެ ފަރަންސޭސި ގައުމީ މަސްލަހަތަށް އިސްކަންދެއްވުމާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް މިހާރަށް ވުރެ ފުރިހަމަ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް މެކްރޯން ވިދާޅުވި އެވެ. ނަމަވެސް މީގެ މާނައަކީ ޓެރަރިޒަމާ ދެކޮޅަށް ސީދާ ގޮތެއްގައިކުރާ ހަނގުރާމައާ ދުރަށް ފަރަންސޭސިވިލާތް ދިޔުން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަންސޭސިވިލާތަށް ޓެރަރިޒަމްގެ ބިރު ކުރިމަތިވެފައި ވަނީ ސޫރިޔާއާއި ލީބިޔާއާއި އެފްރިކާގެ ބައެއްގައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ ތެރެއަށް ފަރަންސޭސިވިލާތުން ވަނުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކެ އެވެ. މެކްރޯން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އެގައުމުގެ ހަރުކަށި ލީޑަރު މޭރީ ލެޕޭން އާ ވާދަ ކުރައްވައިގެން ބޮޑު ތަފާތަކުންނެވެ.
ލެޕޭން އަށް 33.94 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު މެކްރޯން އަށް 66.04 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ލެޕޭން ވަނީ ބަލިގަބޫލުކުރައްވައި މެކްރޯން އަށް މަރްހަބާ ވިދާޅުވެފަ އެވެ. ރިޔާސީ އިންތިޚާބުގައި ބަލިވި ނަމަވެސް މިއީ ލެޕޭންގެ އަށާއި އެކަމަނާގެ ހައްދު ފަހަނަޅާފައިވާ ފިކުރުގެ ނެޝަނަލް ފްރަންޓް ޕާޓީއަށް ތާރީޚުގައި ވެސް ނުލިބޭ ފަދަ ބޮޑު ކާމީޔާބީ އެވެ.
މީގެކުރިން ރިޔާސީ އެއްވެސް އިންތިޚާބެއްގައި ދެވަނަ ބުރާ ގާތަށް ވެސް ނެޝަނަލް ފްރަންޓް ޕާޓީ އަށް ދެވިފައެއް ނުވެ އެވެ. ނަމަވެސް މިފަހަރު އެޕާޓީގެ ކެންޑިޑޭޓް މޭރީ ލެޕޭން ވަނީ ކުރިން ރައްޔިތުންގެ މެދުގައި މަގްބޫލް ޕާޓީތަކުގެ ކެންޑިޑޭޓުންގެ މައްޗަށް ކުރިހޯދައި އިންތިޚާބުގެ ދެވަނަ ބުރުން ޖާގަ ހޯއްދަވާފަ އެވެ. މީގެ އިތުރުން އެޕާޓީ ކުރިންއޮތް ހާލަތާ އަޅާބަލާ އިރު 33.94 ޕަސެންޓް ވޯޓު ލިބުމަކީ އެޕާޓީއަށް މިހާތަނަށް ނުލިބޭފަދަ ތާރީޚީ ކާމިޔާބެކެވެ.
ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވަނީ ރައީސުލްމުންތަޚަބް އެންމަނުއެލް މެކްރޯން އާ ފޯނުން ގުޅުއްވައި އޭނާއަށް ހޫނު މަރްހަބާއެއް ކިޔާފަ އެވެ. މެކްރޯންއަކީ އޮލާންދްގެ ސަރުކާރުގައި އިގްތިސާދާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ޒުވާން ބޭފުޅެކެވެ. (އަލްޖަޒީރާ)