ކާބުލް(މެއި 8): އަފްޣާނިސްތާނުގައި ހުންނަ، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު މަރާލައިފި ކަމަށް އެގައުމުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެ އެވެ.

އަފްޣާންގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އަބްދުލް ހަސީބު މަރުވީ އެގައުމުގެ އަސްކަރިއްޔާއިން އިސްވެ އޮވެގެން މީގެ 10 ދުވަސް ކުރިން ނަންގަހާރު ޕްރޮވިންސުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މިދިޔަ މަހު އެމެރިކާއިން ވެސް ވަނީ އެގައުމުގެ އަސްކަރިއްޔާ އާއި އަފްޣާން އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ރޭޑެއްގައި ހަސީބު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިއަހަރުގެ މާޗު މަހު ކާބުލްގެ އަސްކަރީ ހޮސްޕިޓަލަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަސީބެވެ. އެހަމަލާގައި 30ށް ވުރެ ގިނަ މީހުން މަރުވި އެވެ.

އޭޕްރިލް މަހު އެމެރިކާ އަސްކަރިއްޔާއިން ވަނީ ނަންގަހާރުގައި ހަދާފައިވާ އައިއެސްގެ ހޮހޮޅަތަކަކަށް "މަދަރ އޮފް އޯލް ބޮމްސް" ކިޔާ ބޮމަކުން ހަމަލާދީފައެވެ. އެހަމަލާގައި އައިއެސްގެ 94 ހަނގުރާމަވެރިން މަރުވި ކަމަށް އަފްގާން އޮފިޝަލުން ބުނެ އެވެ. (ބީބީސީ)