ޕެރިސް (މެއި 7): ފްރާންސުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެ ގައުމުގެ އެންމެ ޒުވާން ރައީސް ކަމަށް އިމަނުއެލް މެކްރޮން އިންތިހާބުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އުމުރުން 39 އަހަރުގެ މެކްރޮންއަށް 66.06 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، އިދިކޮޅު މަރީން ލަ ޕެންއަށް ލިބިވަޑައިގެންނެވީ 33.94 ޕަސެންޓް ވޯޓެވެ.

އިންތިހާބުގެ ނަތީޖާ ފާޅު ކުރުމުން ލަ ޕެން ވަނީ އޭނާއަށް ވޯޓު ދިން ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި، މެކްރޮންއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައީސް ކަމަށް އިންތިހާބު ނުވި ނަމަވެސް އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގައި އޭނާ ނިސްބަތްވާ ނެޝަނަލް ފްރޮންޓް ޕާޓީއަށް ކާމިޔާބު ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މަރީން ލަ ޕެން ވަނީ ބަލި ގަބޫލު ކުރައްވައި، މެކްރޮންއަށް މަރުހަބާ ވިދާޅުވެފައި -- ފޮޓޯ: އީޕީއޭ

ފްރާންސުގެ އެންމެ ޒުވާން ރައީސަށް ވުމުގެ އިތުރުން މެކްރޮން އަކީ އެގައުމުގެ މައި ދެ ޕާޓީއަށް ނިސްބަތް ނުވެ، ރިޔާސި އިންތިހާބު ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މެކްރޮން ދެއްވި ފުރަތަމަ ތަގުރީރުގައި އޭނާ ވަނީ އެކާމިޔާބީ އަކީ ފްރާންސުގެ ތާރީހުގެ ތެރެއަށް އެއް ކުރެވުނު އާ ސަފްހާއެއް ކަމަށާއި އެއީ "އުންމީދާއި އާ އިތުބާރުން ފުރިގެންވާ ސަފްހާއެއް" ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މެކްރޮން ވަނީ ފްރާންސުގެ ގިނަ ބަޔެއްގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ޝުއޫރުތައް އަޑު އައްސަވާފައިވާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ހޭދަ ކުރައްވާނީ ގައުމު ބައިބައި ކުރުމަށް މަސައްކަތް ކުރާ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރެއްވުމުގައި ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މެކްރޮން އުފެއްދެވި އެން މާޗް ޕާޓީއަކީ ހަމައެކަނި ކަނާތު ނުވަތަ ވާތު ފިޔައިގެ ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މެކްރޮން ވަނީ ދެ ފަރާތަށް ވެސް ކަމުދާ ފަދަ ރިޔާސީ ވައުދުތައް ކުރައްވާފަ އެވެ.

އެގޮތުން ކަނާތު ފިޔައިގެ ރުހުން ހޯއްދެވުމަށް ޓަކައި އޭނާ ވަނީ ގައުމުގެ ދިފާއީ ބަޖެޓު އިތުރުކުރުމާއި އައިއެސް ޖަމާއަތާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާ ލުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ފްރާންސުގެ ވެލްފެއާ އަދި ޕެންޝަން ސްކީމް އިސްލާހު ކުރައްވާނެ ކަމަށާއި، ވަޒީފާ އަދާ ނުކުރާ މީހުންގެ މިންވަރު ހަތް ޕަސެންޓަށް ތިރި ކުރާނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ.

ފްރާންސުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިމަނުއެލް މެކްރޮން އާއި އަނބިކަނބަލުން ބްރިޖިޓް ޓްރޯނިއު -- ފޮޓޯ: އޭއެފްޕީ

މެކްރޮންއާ ވާދަ ކުރެއްވި ލަ ޕެންއާ ހިލާފަށް އޭނާ އަކީ ޔޫރަޕިއަން (އީޔޫ)ގެ މެމްބަރެއްގެ ގޮތުގައި ފްރާންސް އޮތުމަށް ތާއިދު ކުރައްވާ ފަރާތެކެވެ. އަދި އޭނާ ވަނީ ސީރިއާ ފަދަ ސަރަހައްދުތަކުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމާ ބެހޭ ގޮތުން ރަޝިއާ، އީރާން، ތުރުކީ އަދި ސައުދީ އަރަބިއާއާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި މެކްރޮންގެ ވައުދުތަކުގެ އިތުރުން އޭނާގެ ޒާވާޖީ ހަޔާތަށް ވެސް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. އޭގެ ސަބަބަކަށްވީ މެކްރޮންގެ އަނބިކަނބަލުން ބްރިޖިތް ޓްރޯނިއު އަކީ އޭނާއަށް ވުރެ 24 އަހަރު ދޮށީ އަންހެނަކަށް ވުމެވެ.

ބްރިޖިތް އަކީ މެކްރޮންގެ އުމުރުން 15 އަހަރުގައި އޭނާއަށް ކިޔަވައިދިން ޓީޗަރެކެވެ. އަދި އުރުމުން 17 އަހަރުގައި މެކްރޮން ވަނީ އޭނާ ކޮންމެވެސް ދުވަހަކުން ބްރިޖިތްއާ ކައިވެނި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރު ވެސް ބްރިޖިތް އަކީ އެހެން މީހަކާ ކައިވެނިކޮށްގެން ހުންނެވި، މެކްރޮންއަށް ވުރެ ދޮށީ ތިން ދަރިންގެ މަންމައެކެވެ.

ނަމަވެސް މެކްރޮންގެ އާއިލާގެ ނުރުހުމާއެކު ވެސް އޭނާ ބްރިޖިތްއާ ގުޅުން ބަދަހި ކުރި އެވެ. އަދި އުމުރުން 17 އަހަރުގައި ކުރި ވައުދާ އެއްގޮތަށް 2007 ވަނަ އަހަރު ބްރިޖިތްއާ ކައިވެނި ކުރެއްވި އެވެ.

މީގެ ކުރިން އެއްވެސް އިންތިހާބީ މަގާމެއް ފުރުއްވާފައި ނުވާ މެކްރޮން ވެރިކަމުގެ ހުވާ ކުރައްވާނީ މިމަހުގެ 14 ވަނަ ދުވަހެވެ.