މަރުވެފައި އޮއްވާ ތުއްތު ކުއްޖަކު ފެނުނު ވާހަކައަކީ ދޮގެއް ކަމަށާއި އާދަޔާ ހިލާފަށް ކުނިވަސް ދުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކޮތަޅުން ފެނުނީ ކުނިވެފައި އޮތް ބޯވައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގައުމީ ފުޓްބޯޅަ ދަނޑު އިރުމަތީ ފަރާތު މަގުގެ އެއްފަރާތުގައި ބާއްވާފައި އޮތް ކޮތަޅަކުން އާދަޔާ ހިލާފަށް ކުނިވަސްދުވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ކަމަށެވެ. އަދި އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ "އެތި" ފުލުހުންގެ ފޮރެންސިކް ޓީމުން ތަހުލީލު ކުރިއިރު، އެއީ ބޯވައެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އާދަޔާ ހިލާފަށް ކުނިވަސް ދުވާތީ، ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހ

ކުނިވަސް ދުވާތީ ފުލުހުން ގެންދިޔަ ކޮތަޅު ބަހައްޓާފައި ހުރީ ގައުމީ ފުޓްބޯޅަ ދަނޑުގެ އިރުމަތީ ފަރާތު، ޝަބްނަމް މަގުގެ އެއްފަރާތުގަ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުނީ އެތަނުން ކުނިވަސް ދުވާތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ. ކުނިވަސް ދުވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބެލިއިރު، ދެ ގެއެއްގެ ދޭތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނުނު ކަމަށާއި އެ އެތި އަވަސް އަރުވާލައިގެން ކޮތަޅަކަށް ލާފައި މަގުމަތީގައި ބެހެއްޓީ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

"އެއީ ކޯއްޗެއްތޯ ބެލޭ ވަރެއް ނުވޭ. އެއްޗެއް ކުނިވެގެން ދުވާ ކުހިވަހަށް ވުރެ، މާ ނުބައި ވަހެއް ދުވަނީ،" ގަލޮޅު ދަނޑުކައިރީގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.