ޓޯކިޔޯ – އެމެރިކާއާ ނުތަނަވަސްކަން އުފެދިފައިވާ އުތުރު ކޮރެއާގައި އެމެރިކާގެ ޕްރޮފެސަރަކު ހައްޔަރު ކުރިކަން އިއުލާން ކޮށްފައިވާކަން ހާމަކުރިތާ ހަފްތާއެއް އެއް ނުވަނީސް، އެގައުމުގައި އިތުރު އެމެރިކާގެ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ.

މިއީ މިހާތަނަށް އުތުރު ކޮރެއާގައި ހައްޔަރުކުރި ހަތަރު ވަނަ އެމެރިކާގެ ރައްޔިތެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ހާމަކުރި ގޮތުގައި، އެގައުމުގައި ހައްޔަރު ކޮށްފައިވަނީ އުތުރު ކޮރެއާގައި ހުންނަ ޕިޔޮންގްޔެން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މަސައްކަތްކުރާ ކިމް ހެކް-ސޮންގް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ފަސާދަ އުފައްދާ ކަމުގެ ތުހުމަތުގައި ކަމަށާއި ކަމާގުޅޭ އިދާރާތަކުން އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނެއެވެ.

ނަމަވެސް އޭނާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އުތުރު ކޮރެއާ އިން ހާމަކޮށްފައެއް ނުވެއެވެ.

އުތުރު ކޮރެއާއިން އެމެރިކާގެ ރައްޔިތަކު އެގައުމުގައި ހައްޔަރުކޮށްފައިވާކަން ހާމަކުރިއިރު، އެގައުމުގެ ޔުނިވާސިޓީއެއްގައި ކިޔަވައިދިން ޕްރޮފެސަރަކު ވަނީ، އެމެރިކާ އަށް ފުރަން އެއާޕޯޓްގައި ހުއްޓާ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.