ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށާއި، މިއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އިންތިހާބު އޮބްސާވްކުރި ބޭރުގެ އޮބްސާވަރުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް އިންތިހާބު އޮބްޒާވު ކުރުމަށް ވަޑައިގެންނެވި ހަ ގައުމެއްގެ އޮބްސާވަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްގާނިސްތާނުގެ އިލެކްޝަން ކޮމިޝަނަރު ވިދާޅުވީ މިފަހަރުގެ އިންތިހާބު ވަރަށް ގާތުން ކަވަރު ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ މަސައްކަތް ބަލައި ގަންނަން ޖެހޭ ކަމަށެވެ.

"ފާހަގަކުރެވުން ހުރިހާ ކަމެއް ވެސް ދިޔައީ ގާނޫނީ އިމުގެތެރެއިން ގަވާއިދުތަކާ އެއްގޮތަކަށް ކަން،" އަފްގާނިސްތާނުގެ އިލެކްޝަން ކޮމިޝަނަރު ވިދާޅުވި އެވެ

07 މެއި 2017: ލޯކަލް ކައުންސިލް އިންތިހާބާ ބެހޭގޮތުން ބޭރުގެ އޮބްޒާވަރުން ބޭއްވި ޕްރެސް ކޮންފަރެންސް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އިއުލާނު ކުރި ނަމަވެސް ފަހު ވަގުތު ވަނީ ހައެއް ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލާފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ބުނެފައި ވަނީ އެއީ ގާނޫނާ ހިލާފަށް އިލެކްޝަނުން ކުރި ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޮބްސާވަރުން ވިދާޅުވީ ވަގުތު އިތުރު ކުރުމަކީ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި އެއީ މައްސަލަ އެއް ނޫން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މިއީ މިނިވަން އިންސާފިވެރި އިންތިހާބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.