07 May 2017, 14:04
ޕެރިސް (މެއި 7): ފްރާންސުގެ ރިޔާސި އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.
އެއިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފްރާންސުގެ މިނިސްޓާ އޮފް އިކޮނޮމީ، އިންޑަސްޓްރީ އެންޑް ޑިޖިޓަލް އެފެއާސްގެ މަގާމު ފުރުއްވާފައިވާ އެމަނުއެލް މެކްރޮން އާއި ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ނެޝަނަލް ފްރޮންޓްގެ ކެންޑިޑޭޓް މަރީން ލަ ޕެން އެވެ.
ފްރާންސްގެ ގަޑިން މިއަދު ހެނދުނު 08:00ގައި ފެށުނު އިންތިހާބުގެ ވޯޓުލުން ބައެއް ސިޓީތަކުގައި މިރޭ ހަތެއް ޖަހާ އިރު ނިމޭ އިރު، އަނެއް ސިޓީތަކުގައި ނިމޭނީ އަށެއް ޖަހާ އިރެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރައްވާނީ އުމުރުން 39 އަހަރުގެ މެކްރޮން އެވެ. މެކްރޮން އިންތިހާބުވެއްޖެ ނަމަ އޭނާ ވާނީ ފްރާންސުގެ އެންމެ ޒުވާން ރައީސަށެވެ. އަދި ލަ ޕެން އިންތިހާބުވެއްޖެ ނަމަ އޭނާ ވާނީ އެގައުމުގެ ފުރަތަމަ އަންހެން ރައީސަށެވެ.
އެ އިންތިހާބާ ގުޅިގެން ފްރާންސުގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށް މެކްރޮންގެ ޕާޓީ، އެން މާޗުން ވަނީ އެޕާޓީގެ ކެމްޕެއިން ހެކްކޮށް، ގިނަ އަދަދެއްގެ އީމެއިލްތަކާއި، ވިޔަފާރި އާއި އަމިއްލަ ކަންތައްތަކާ ބެހޭ ލިޔެކިޔުންތައް ލީކުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ޕާޓީގެ ކެމްޕެއިން ހެކްކުރީ ކޮންބައެއްކަން އަދި އެނގިފައި ނުވާ އިރު ފްރާންސުގެ ރައީސް ފްރާންސުވާ ހޮލާންޑޭ ވަނީ އެހަމަލާއަށް 'ރައްދު' ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މެކްރޮންއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ތާއިދު ކުރައްވާ ބޭފުޅަކަށްވާ އިރު ލަ ޕެން އަކީ ފްރާންސް އީޔޫގެ މެމްބަރެއްގެ ގޮތުގައި އޮތުމަށާއި، އެގައުމަށް މީހުން ހިޖުރަ ކުރުމާ ދެކޮޅު ފަރާތެކެވެ.
ފްރާންސުގެ ރިޔާސީ އިންތިހާބަށް ފަހު އަންނަ މަހު އެގައުމުގެ މަޖިލިސް އިންތިހާބު ބާއްވާނެ އެވެ. (ބީބީސީ)