ކުރިން އެމްޑީޕީން މަޖިލިސް ހުއްޓުވުން ވެސް މިހާރު ޒެޑް ފެކްޝަނުން ނުކުމެ މަޖިލިސް ހުއްޓުވުން ވެސް ވާނީ ނުބައި އަމަލަކަށް ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒުހައިރު މިއަދު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީން މަޖިލިސް ހުއްޓުވިޔަސް އެއީ ރަގަނޅު ކަމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ކޮށްފިނަމަ ސަރުކާރުން އެކަން ކުށްވެރި ކުރާނެ ކަމަށެވެ. ކޮމެޓީތަކުގެ މައްސަލައިގައި މަޖިލިސް ހުއްޓުވާނެ ކަމަށް ޑީއާރްޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުޅޭ ޒެޑް-ޑީއާރްޕީން ބުނެފައިވާތީ އެކަން އެ ގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް ޒުހައިރު މިއަދު އެދިވަޑައިގަތެވެ.
~
"ކެނެރީގޭ މުހައްމަދު ނަޝީދު ކުރެއްވިއޭ ވިދާޅުވެ، ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމް ނުކުންނަވާފަ ހަމަ އެކަން ކުރައްވަން އުޅުއްވާ އުޅުއްވުން އެއީ ރަގަނޅު ކަމަކަށް ނެހެއްދެވޭނެ... އެހެންވީމަ އަޅުގަނޑު މިދަންނަވާލަނީ ރައީސް އަލްއުސްތާޒު މައުމޫން އަބްދު ގައްޔޫމަށް ހާއްސަ ތާއީދެއް ދެއްވައިގެން އުޅުއްވާ ބޭފުޅުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހާލުކޮޅެއްގައި ވެވަޑައިގަތުމަށް ބޭނުންފުޅުވާ މީހުން ވެސް އެބަތިއްބެވި. ހުދު އެމަނިކުފާނަށް )މައުމޫނަށް( ވެސް އަޅުގަނޑު އިލްތިމާސް ތަކުރާރު މިކުރަނީ ހޯމަ ދުވަހު މަޖިލިސް ހުއްޓުވާލެއްވުމަށް ނުކުމެވަޑައި ނުގަންނަވާށޭ،" ރައީސް ނަޝީދު މިދިއަ ހުކުރު ދުވަހު ދެއްވެވި ރޭޑިއޯ ހިތާބުގައި ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރު ކުރައްވަމުން ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އެމްޑީޕީން މަޖިލިސް ހުއްޓުވި ހުއްޓުވުމަކީ "ނުބައި" ކަމެއް ކަމަށެވެ. މިހާރުވެސް ހަދަން މިއުޅެނީ "ނުބައެއް" ކަމަށާއި "ދެ ނުބަޔަކުން ރަނގަޅެއް ނުނުކުންނާނެ" ކަމަށެވެ. މަޖިލިސް ހުއްޓުވާލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ވާދަވެރި ފަރާތަކާ ކުރިމަތިލުމަށް އެންމެ ރީތި ގޮތަކީ ބަހުސްކޮށްގެން ކުރި ހޯއްދެވުން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިސް ހުއްޓުވުމަށް ކުރާ މަސައްކަތަކީ ދައުލަތް ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވެފައި ވާތީ ޒުހައިރު ވިދާޅުވީ ދައުލަތް ހުއްޓުވުމަކީ މަޖިލީހުގެ ތެރެއިން އުފައްދަން ހުރި ބިލްތައްކުގެ މަސައްކަތް ހުއްޓިފައި އޮތުން ކަމަށެވެ. އެ ގޮތުން ޖިނާއީ އިޖުރާތުގެ ބިލާއި ހެއްކާބެހޭ ބިލާއި އިގްތިސޯދީ ބިލްތައް މަޖިލީހުގައި ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާނަމަ އެއީ ދައުލަތް ހިންގުމަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މަދު ބަޔަކު ނުކުމެ މަޖިލިސް ހުއްޓުވާނަމަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިގެންވާ ބާރެއްގެ ދަށުން އެކަން ހުއްޓުވާނެ ކަމަށާއި އެ ވަސީލަތްތައް މަގުފަހިވެފައިވާ ކަމަށެވެ.