އެއްގަމު މަހާއި ކަނޑުމަހުގެ އެކިއެކި ޕްރޮޑަކްޓްތައް ދައްކާލުމަށް، ހަ ކުންފުންޏަކާ އެކު އެސްޓީއޯ އިން "ފިޝް އެންޑް މީޓް ފެސްޓް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާޓުގައި މިއަދު ކުރިޔަށް ދިޔަ ހަފްލާއެއްގައި، އެސްޓީއޯ ފިޝް އެންޑް މީޓް ފެސްޓް ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖާ ފާތިމަތު އާޝާނެވެ.

މި ހަރަކާތް ފައްޓަވައި ދެއްވަމުން ދެއްކެވި ވާހަކައިގައި އާޝާން ވިދާޅުވީ، ފިޝް އެންޑް މީޓް ފެސްޓްގައި ބައިވެރިވާ ހަ ކުންފުނިން ވެސް އުފައްދާ ނުވަތަ ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ފިޝް އަދި މީޓް ޕްރޮޑަކްޓްސް އެސްޓީއޯ ސުޕަމާޓުގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މެއި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ފެސްޓްގައި ބައިވެރިވާ ކުންފުނިތަކަކީ ލިލީ އިންޓަނޭޝާނަލް، ޔުނައިޓެޑް ފުޑްސް ސަޕްލަޔާސް، މިފްކޯ، އެސް އެންޑް އޯ، ބީއެޗްއެމް އަދި ޕިރަމިޑުގެ އިތުރުން، އެސްޓީއޯ ސުޕަމާޓެވެ. މިއިން ކޮންމެ ފަރާތަކަށް ވެސް އެސްޓީއޯ ސުޕަމާޓުގައި ޕްރޮޑަކްޓްތައް ދައްކާލުމަށް ވަކި ދުވަސްތަކެއް ޚާއްސަ ކުރެވޭނެ އެވެ.