07 May 2017, 11:41
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ދޭތެރެގައި ދުނިޔޭގެ ފުޓްބޯޅައިގެ އިދާރާއިން މި ދިޔަ ހަފްތާގައި އަމަލުކުރި ގޮތަށް، އެހެން ކުޅުންތެރިއަކު ސަސްޕެންޑުކުރުމަށް ފަހު ކަންތައް ނުކުރާނޭ ކަމަށް ޗިލީގެ ތަރި އަރްތޫރޯ ވިދާލް ބުނެފިއެވެ.
ފީފާއިން ވަނީ، މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ގެ ވީޑިއޯ ފުޓޭޖް ބެލުމަށް ފަހު އެމެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް މެސީ ހުތުރުބަހުން ވާހަކަދައްކާފައި ވާކަމަށް ބުނެ އޭނާ އޮފިޝަލް ހަތަރު މެޗަށް ސަސްޕެންޑްކޮށް، 10،000 ސްވިސް ފްރެންކްސް އިން ޖޫރިމަނާކުރުމަށް ނިންމައިފައެވެ. އެހެން ނަމަވެސް ފީފާގެ އެޕީލް ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، ހުކުރު ދުވަހު ފީފާއިން ބުނެފައިވަނީ، މެސީގެ މައްޗަށް އަދަބު ކަނޑައެޅޭވަރުގެ ހެކި ނެތްކަމަށްވާތީ ސަސްޕެންޝަން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ސަސްޕެންޝަނާ ގުޅިގެން، ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުން މެސީއަށް ގެއްލިފައިވާއިރު، އާޖެންޓީނާ ވަނީ އެ މެޗުން 2-0 ލަނޑުން ބަލިވެ ވޯލްޑް ކަޕަށް ކޮލިފައި ނުވެދާނޭ ކަމުގެ ބިރު ހީވެފައެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި، ޗިލީގެ ބައެއް ކުޅުންތެރީންނަށް ވެސް ވަނީ ތަފާތު ސަސްޕެންޝަންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ހަމަ މެސީ ސަސްޕެންޑުކުރި ހާދިސާއާ އެއްފަދަ ހާދިސާއަކާ ގުޅިގެން ޗިލީގެ ޖޯޖް ވަލްޑީވިއާއާއި ގެރީ މެޑެލް ހަތަރު މެޗަށް ސަސްޕެންޑުކޮށްފައި ވާއިރު، އެޑްއާޑޯ ވަރްގަސް ވަނީ ދެމެޗަށް ސަސްޕެންޑްކޮށްފައެވެ.
މާޗްމަހު އާޖެންޓީނާ އަތުން ޗިލީ ބަލިވި މެޗުގައި ބައިވެރިވެފައި ނުވާ ވިދާލް ބުނީ، މެސީއާ މެދު ފީފާއިން އަމަލުކުރަނީ ވަރަށް ޚާއްސަ ގޮތަކަށް ކަމަށާއި މެސީއާ ޖެހުމުން، ފީފާގެ ގަވާއިދުތަކާއި އުސޫލުތައް ވެސް ބަދަލުވެގެންދާ ކަމަށެވެ.
"މިއީ ވަރަށް އޮޅުންބޮޅުން ބޮޑު މައްސަލައެއް" ވިދާލް ބުންޏެވެ. "އަހަރެން ހިތަށްއަރާ ހުރިހާ ކުޅުންތެރީންނާ މެދުވެސް ހުރިހާ ގަވާޢިދުތައް އެއްގޮތްވާނޭ ނަމައޭ."
"މިއީ މެސީ އާއި އާޖެންޓީނާއަށް އަދި ފުޓްބޯޅައަށްޓަކައި ރަނގަޅު ނިންމުމެއް. ސަބަބަކީ މެސީ ގައުމީ ޓީމަށް ކުޅޭނަމަ އޭނާގެ ފަރާތުން ހުރާތުން ޓީމަށް ވަރަށް ބޮޑަށް ފައިދާކުރާނެ."
"މެސީއަށް ވަރަށް ފައިދާހުރި ނިންމުމެއް. އެހެންނަމަވެސް ގަވާއިދުތަކާއި އުސޫލުތައް ހުރިހާ އެންމެނަށް ހަމަހަމަވާން ޖެހޭނެ."
ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް 14 މެޗު ކުޅެފައި ވާއިރު، އާޖެންޓީނާއަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ކޮލަމްބިއާ އޮތްއިރު، ތިން ވަނައިގައި އޮތް އުރުގުއާއީ އަދި ހަތަރު ވަނައިގައި އޮތް ޗިލީއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޖުމުލަ 33 ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ.
ބޮލީވިއާ އަތުން ބަލިވުމުން އާޖެންޓީނާއަށް މިވަގުތު ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އޮޓޮމެޓިކް ޖާގަ ގެއްލިފައެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު ގަދަ ހަތަރު ޓީމް ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ފަސް ވަނައިގައި އޮންނަ ޓީމު ޖެހޭނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ކުޅޭށެވެ.