07 May 2017, 10:03
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އަދި ރެއާލްމެޑްރިޑް ވެސް މޮޅުވި އިރު ލީގު ހޯދުމަށް ދެ ޓީމް ޖަހަމުންދާ ރޭސް އިތުރަށް ވާދަވެރިވެއްޖެ އެވެ.
ރޭ ރެއާލްމެޑްރިޑް މޮޅުވީ ގްރެނާޑާއާ ކުޅެ ރަށުން ބޭރުގަ އެވެ. އަދި ބާސާ ކުރި ހޯދީ ވިޔަ ރެއާލްގެ މައްޗަށެވެ.
ގްރަނާޑޭ މައްޗަށް ރެއާލް 4-0 އިން މޮޅުވި އިރު މެޗަށް އެޓީމް ނުކުތީ ކުރިއަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގް އޮތުމުން މުހިންމު ކުޅުންތެރިންނެތި އެވެ.
ރޭގެ މެޗުގައި ރެއާލްގެ ގޯލްތަކުގެ ތެރެއިން ހަމޭސް ރޮޑްރިގޭޒް ދެ ލަނޑު ކާމިޔާބުކުރި އިރު އަލްވާރޯ މޮރާޓާ ވެސް ވަނީ ރެއާލްއަށް ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އެޓީމުގެ ހަތަރު ގޯލް ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
ބާސާއާ ވިޔަ ރެއާލް މެއްޗަށް ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު މެޗުގައި ގޯލެއް ޖަހައި އެޓީމަށް އުންމީދު އައުކޮށްދިނީ ނޭމާ އެވެ. ނަމަވެސް ނޭމާ ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ވިޔަރެއާލްއަށް ބަކަމްބޫ ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން މެސީ ވަނީ ބާސާއަށް ކުރި ހޯދައިދީފަ އެވެ. އަދި ތިން ވަނަ ލަނޑު ސުއަރޭޒް ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެސީ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.
ބާސާ އަދި ރެއާލްއިން ވެސް ރޭ ހޯދި ތިން ޕޮއިންޓާ އެކު ދެ ޓީމަށް ވެސް ވަނީ 84 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ބާސައަށް ތާވަލްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނާއި ކުޅުނު މެޗުގެ ތަފާތުންނެވެ.