07 May 2017, 09:52
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ދިވެހިންގެ މެދުގައި މަގުބޫލު ޑްރާމާ ސިލްސިލާ، 'ޔޭ ހޭ މޮހައްބަތޭން'ގައި ބަތަލާ ދިވްޔަންކާ ތުރިޕަތީ އަދާކުރަމުން އަންނަ ކެރެކްޓަރު 'އިޝީތާ ބައްލާ'، މަރާލަން ނިންމާފައިވާ ކަމަށް ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ފިލްމު އުފައްދާ ޓީމުން އިޝީތާގެ ކެރެކްޓަރު މަރާލަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނަން ފެށީ، ޑައިރެކްޓަރު އެކްތާ ކަޕޫރު އާއި ޑްރާމާގެ ކްރިއޭޓިވް ޑައިރެކްޓަރު ސަންދީޕް ސިކަންދް، 'އިޝީތާ'ގެ ރޯލާ ގުޅޭ ގޮތުން ވާހަކަ ދައްކާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.
އެ ވިޑީއޯގައި 'އިޝީތާ' މަރާލަން ނިންމާފައިވާ ކަމަށް އެކްތާ ބުނެ އެވެ. އެކްތާ އަކީ އޭނާގެ ކޮންމެ ޑްރާމާ އެއްގައި ވެސް ބޮޑެތި 'ޓުވިސްޓު'ތައް ގެންނަ ޑައިރެކްޓަރެކެވެ. އެހެންކަމުން އެއީ ވެސް ވުން އެކަށީގެންވާ ކަމެކެވެ.
ނަމަވެސް އެކްތާ މިވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. 'އިޝީތާ'ގެ ކެރެކްޓަރުން ފެނިގެންދާ ދިވްޔަންކާ އާ އެކު ނަގާފައިވާ ފޮޓޯ އަކާ އެކު އެކްތާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 'އިޝީތާ' މަރާލަން ނޫޅޭ ކަމަށާއި އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއް ކަމަށެވެ.
އަދި ޑްރާމާ ކުރިއަށްދާ ނަމަ އެ ޑްރާމާގައި 'އިޝީތާ' އުޅޭނެ ކަމަށް އޭނާ ބުންޏެވެ. އެކްތާ ބުނީ 'އިޝީތާ' އަކީ ޑްރާމާގެ ރޫހު ކަމަށެވެ.
އެ ޑްރާމާ އަކީ ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ މަގުބޫލު ޑްރާމާތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ޑްރާމާ އެކެވެ.