07 May 2017, 09:49
ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ޓިއުބްލައިޓް' އަކީ 2015 ވަނަ އަހަރު ރިލީޒް ކުރި ހޮލީވުޑް ފިލްމު 'ލިޓްލް ބޯއީ'ގެ ކޮޕީއެއް ކަން ހާމަވެއްޖެ އެވެ.
'ޓިއުބްލައިޓް'ގެ ޓީޒާ ރިލީޒް ކުރުމާ އެކު އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އަދި އެއީ އަސަރުން ފުރިގެންވާ މޮޅު ފިލްމަކަށް ވާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް މިހާރު ފެންމަތިވެފައިވާ ރިޕޯޓުތަކަށް ބަލާއިރު އެއީ ހޮލީވުޑް ފިލްމެއްގެ ކޮޕީ އެކެވެ. ޓީޒަރ އިން ފެންނަ ގިނަ މަންޒަރުތަކަކީ 'ލިޓްލް ބޯއީ' އިން ކޮޕީ ކޮށްފައިވާ މަންޒަރުތަކެކެވެ.
'ލިޓްލް ބޯއީ' އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބައްޕަ ހަނގުރާމަ އަށް ދިއުމުން ބައްޕަ ހޯދުމަށް ކުޑަ ފިރިހެން ކުއްޖަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ހޮލީވުޑް ބޮކްސް އޮފީހުގައި އެ ފިލްމަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.
'ލިޓްލް ބޯއީ' ގައި ކުޑަ ފިރިހެން ކުއްޖާ އަދާކުރި ރޯލުން ފެނިގެން ދާނީ ސަލްމާން އެވެ. އަދި ބައްޕަގެ ބަދަލުގައި، ހަނގުރާމައަށް ދަނީ ސަލްމާންގެ ބޭބެ އެވެ. ފިލްމުގައި ފެނިގެން ދާނީ ބޭބެ ހޯދުމަށް ސަލްމާން ކުރާ މަސައްކަތެވެ. 'ޓިއުބްލައިޓް'ގައި ސަލްމާންގެ ބޭބެގެ ރޯލުން ފެނިގެން ދާނީ އޭނާގެ ކޮއްކޮ ސޮހެއިލް ޚާން އެވެ.
'ލިޓްލް ބޯއީ'ގައި ކުޑަ ކުއްޖާގެ އެންމެ ގާތް އެކުވެރިޔަކީ އުމުރުން ދުވަސްވީ ޖަޕާން މީހެކެވެ. 'ޓިއުބްލައިޓް'ގައި ސަލްމާންގެ އެންމެ ގާތް އެކުވެރިއަކީ ކުޑަ ފިރިހެން ކުއްޖެކެވެ.
އަދި ބެން ޗެޕްލިން އަދާކުރި ޖާދޫގަރުގެ ރޯލުން ފެނިގެން ދާނީ ޝާހުރުކް ޚާން އެވެ. ޝާހު ފިލްމުގައި ފެނިގެން ދާނީ ޚާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.
އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ޓިއުބްލައިޓް' އަކީ މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ.
މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ.