މެގަ މޯލްޑިވްސް ދަތުރުކުރާ ސަރަހައްދު އިތުރުކޮށް މިމަހުގެ 16 ވަނަ ދުވަހު ޗައިނާގެ ޝަންހާއީއަށާއި އެ ގައުމުގެ ވެރިރަށް ބެއިޖިންއަށް ދަތުރުތައް ފަށާނެ ކަން އެ އެލާލައިނުން ބުނެފި އެވެ.
~
މެގަ މޯލްޑިވްސްއިން މިއަދު ބުނީ އެ އެއާލައިންގެ ޝެޑިއުލް ފްލައިޓްތައް ޝަންހާއީގެ ޕޫޑޮން އިންޓަނޭޝަނަލް އެއާޕޯޓަށާއި ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓަށް ފެށި ނަމަވެސް މިހާރު ވެސް ދަތުރުކުރަމުންދާ މަންޒިލެއްކަމަށްވާ ހޮންކޮންގަށް ދަތުރުކުރުން ވެސް ހުއްޓާ ނުލާނެ ކަމަށެވެ.

ޗައިނާގެ ވެރިރަށް ޝަންހާއީއަށާއި ބެއިޖިންއަށް މެގަ މޯލްޑިވްސްއިން ޝެޑިއުލް ދަތުރުތައް ފެށުމުން އެ ދެރަށުގައި ފަސް ދުވަސް ހޭދަކުރުމަށް ފަހު އަންނަ ގޮތަށް ފަސޭހަ ކަމާ އެކު ދަތުރުކޮށްލުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ. އަދި އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް އުނދަގޫ ވަގުތެއް ކަމަށްވާ މެންދަމު ފުރުމުގެ އުނދަގުލާއި ޓޫރިސްޓުން ގިނަ ކަމުން އެއާޕޯޓްގައި ގިނައިރު ވުމުގެ އުނދަގޫ އުފުލަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މިފަށާ އާ ދަތުރުތަކުގެ ސަބަބުން ޗައިނާގެ މާކެޓްތަކަށް ރާއްޖެ އިތުރަށް ހުޅުވިގެންދާނެ، އަދި ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެ،" މެގަ މޯލްޑިވްސްގެ މާކެޓިން ޑައިރެކްޓަރް އަލީ ފާއިޒް ވިދާޅުވި އެވެ.

މެގަމޯލްޑިވްސްގެ އަނެއް އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގެއްގައި ރަނގަޅު ހިދުމަތްތަކަކާ އެކު ޗައިނާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސައި ދިނުމެވެ.

މި މަސް ނިމޭއިރު މެގަ މޯލްޑިވްސްއިން ޗައިނާގެ ތިން މަންޒިލަކަށް ހަފްތާއަކު ތިން ދަތުކުރާނެ ކަމަށާއި ބެއިޖިންއަށް އެއްކޮޅަށް ނަގާނީ 1080 ޑޮލަރުކަމަށާއި އަދި ޝަންހާއީއަށް ނަގާނީ ކޮޅަކަށް 1050 ޑޮލަރު ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.