07 May 2017, 02:03
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނުކުތަކުން ދެމުން ގެންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ޚިދުމަތްތަކަށް އާސަންދައިން ކުރަމުން ދިޔަ ޚިދުމަތް ކަނޑާލުމަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.
އާސަންދައިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނާ ގޮތުގައި، އާސަންދަ ހެލްތު ސްކީމް ހިންގުމުގެ އުސޫލުތައް މުރާޖާކޮށް، އެ ކުންފުނީގެ ބޯޑުން ނިންމީ ދައުލަތުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ޚިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި، އަގަކާ ނުލައި ފޯރުކޮށްދެމުން ދާތީ، އަމިއްލަ ތަންތަނަށް އެކަންކަމަށް އާސަންދައިން ކުރާ ޚަރަދު އުނިކުރުމަށް ކަމަށެވެ.
އެ ބަޔާނުގައި ބުނީ، އާސަންދައިން ޚަރަދުކުރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ޚިދުމަތް ދެމުން ގެންދިއުން، މިއަދުން (7 މެއި، އާދީއްތަ)އިން ފެށިގެން ހުއްޓާލަން އަންގާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ފަރާތްތަކަށް، ފަރުވާ ނިމެންދެން އާސަންދަ ސްކީމުން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ދެމުން ގެންދިއުމަށް އާސަންދައިން އިލްތިމާސްކުރެއެވެ.
"އެނދުމަތިކޮށް ފަރުވާ ދެމުން ގެންދާ ފަރާތްތަކުން ތަފްސީލު މި ތާރީޚުން ފެށިގެން 24 ގަޑިއިރު ތެރޭގައި މިކުންފުންޏާ ހިއްސާ ކުރުމަށް ދަންނަވަން. މި ތާރީޚަށްފަހު ސްކީމުގެ ދަށުން ފައިސާ ދެއްކޭނީ ހަމައެކަނި މިކުންފުންޏާ ހިއްސާކުރާ ތަފްސީލުގައި ހިމެނޭ ފަރާތްތަކަށް ހިނގާ ޚަރަދުތަކަށް އެކަނިކަމުގައި ދަންނަވަން،" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.
އާސަންދައިން އިތުރަށް ބުނީ، އަމިއްލަ ހޮސްޕިޓަލްތަކާ އެކު ވެފައިވާ އެއްބަސްވުންތައް މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށާއި، ސްކީމު މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކުގެ އިންވޮއިސް ފޮނުވުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
"މި މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި އިންވޮއިސް ހުށަނާޅާ ފަރާތްތަކަށް އިންވޮއިސް ހުށަހަޅަން އިތުރު ފުރުސަތެއް ނުދެވޭނެކަންވެސް މައުލޫމާތަށްޓަކައި އަންގަން،" އެ ބަޔާނުގައި ވެއެވެ.
އާސަންދަ ހެލްތު އިންޝުއަރަންސް ސްކީމުގައި ހިމެނޭ ޚިދުމަތްތައް، ދައުލަތުން ހިންގާ ސިއްޚީ ޚިދުމަތްދޭ ތަންތަނުން ހިލޭ ލިބޭ ނަމަވެސް، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ޚިދުމަތްތައް ކަވަރު ކުރަނީ ވަކި މިންވަރަކަށެވެ.